Friday, August 17, 2007

ފައިސާއާއި ނުފޫޒު ބޭނުންކޮށްގެން ވޯޓް ގަންނަން ފަށައިފި

16 August 2007

މިއަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ނިޒާމް ކަނޑައަޅާވޯޓް ފައިސާ އާ ނުފޫޒު ބޭނުން ކޮށްގެން ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖަޒީރާއަށް ޔަގީން ވެއްޖެ އެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑަށް ފައިސާ އާ ނުފޫޒު ބޭނުން ކޮށްގެން ވޯޓް ގަންނަމުންދަނީ އަތޮޅު ތަކުން ނެވެ. އެހެންނަމަވެސް މާލޭގައި ވެސް ވޯޓް ގަތުމުގެ މަސައްކަތް ކުރިކަމަށް ޔަގީން ކުރެވިފައި އެބަ ހުއްޓެވެ

ޖަޒީރާއަށް ޔަގީންވެފައިވާ ގޮތުގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ވޯޓް ގަތުމުގައި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކު އިސްވެރިންވެސް ދަނީ މަސައްކަތް ކުރައްވަމުން ނެވެ. އަދި އެހެންވެސް ޕާޓީތަކުގެ ބޮޑެތި ބޭފުޅުން ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދެ އެވެ

ޖަޒީރާއަށް އެނގިފައިވާ ގޮތުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މަމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މަޝްހޫރު ވިޔާފާރިވެރިއެއްވެސް އޭނާ ތަމްސީލް ކުރާ އަތޮޅުގެ ރަށްތަކަށް ވަޑައިގެން އޭނާ ބުނާ ނިޒާމަކަށް ވޯޓް ދީފިނަމަ ފައިސާގެ ބޮޑެތި އަދަދުތައް ދޭނެ ކަމަށް ވިދާޅުވެފަ އެވެ

އަދާލަތު ޕާޓީގެ ރައީސް ހުސެއިން ރަޝީދު އަހުމަދު ވިދާޅުވީ ބައެއް ފަރާތްތަކަށް ބިރުދައްކައިގެން ވޯޓްގެ މައްޗަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ

” ބައެއް ފަރާތްތަކުން އަޅުގަނޑުމެން ޕާޓީއަށް ވެސް ބިރުދެއްކުމުގެ އިންޒާރުތައް ދެމުންދަނީ.“ ހުސެއިން ރަޝީދު ވިދާޅުވި އެވެ

އިއްޔެ ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނަށް ވަނީ ރިޔާސީ ނިޒާމަށް ވޯޓްލުމަށް ދައުވަތު ދޭފަދަ ކާނޑުތަކެއް ވެސް ބަހާފަ އެވެ

” އަޅުގަނޑު ރޭ އޮފީހަށް ދިޔައިރު މޭޒުމަތީގައި އޮތީ ސިޓީ އުރައެއް އޭގައި އޮތީ ރިޔާސީ ނިޒާމަށް ވޯޓުލުމަށް ބުނެފައި.“ މާލޭގެ ސްކޫލެއްގައި އުޅޭ މުވައްޒަފަކު ކިޔައިދި ނެވެ

އޭނާ ބުނީ އެތާގައި ސިޓީއުރަ ބޭއްވި މީހެއް އަދި އެއީ ކޮންބައެއް ކުރިކަމެއް ކަންވެސް ނޭނގޭ ކަމަށެވެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ޑރ މުހައްމަދު މުނައްވަރު ވިދާޅުވީ އެޕާޓީއަކީ ރައްޔިތުން ބޭނުން ވެގެން ރައްޔިތުން އުފައްދާފައިވާ ޕާޓީއެއް ކަމަށާ އެހެން ވުމުން އެޕާޓީން އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވަން ނުޖެހޭނެ ކަމަށެވެ

” ޑީއާރުޕީ އުފައްދާފައި އޮތީ ވެސް ރައްޔިތުންނަށް ބާރުއަޅައިގެން ގަދަކަމުން. އެމީހުންގެ ހުރިހާ ކަމެއް ވެސް ކުރިއަށްދާނީ ހަމަ އެގޮތަށް.“ މުނައްވަރު ވިދާޅުވި އެވެ

ނިޒާމް ކަނޑައަޅާ ކެމްޕޭން ކުރުން ރާއްޖޭގެ ކަން ކޮޅުތަކުގައި ފޯރިއާއި އެކު ކުރިއަށްދާއިރު ވަކިނިޒާމަކަށް ވޯޓު ނުދޭނަމަ އެކިކަހަލަ ގެއްލުންދޭނެ ކަމުގެ އިންޒާރު ބައެއް ފަރާތްތަކަށް ދެމުންދާ ކަމުގެ މައުލޫމާތު ޖަޒީރާއަށް ދަނީ ލިބެމުން ނެވެ

ވޯޓްގައި އެންމެ ބޮޑަށް ކެމްޕޭން ކުރާ އެއްޕާޓީ ދިވެހިރައްޔިތުންގެ ޕާޓީގެ ރަޖިސްޓުރޭޓަރ އިބްރާހިމް ޝާފިއު ވިދާޅުވީ ބާރާއި ނުފޫޒު ބޭނުން ކޮށްގެން ވޯޓް ހޯދުމަށް މަސައްކަތް ކުރުމަކީ އެޕާޓިން ކުރާނެ ކަމެއް ނޫން ކަމަށެވެ

” ފައިސާ އާ ނުފޫޒު ބޭނުން ކޮށްގެން މަސައްކަތް ކޮށްގެން ވޯޓްހޯދުމަށް މަސައްކަތް ކުރާނީ އެކަމެއް ފޭލްވެދާނެ ކަމަށް ބެލެވޭ މީހުން.“ ޝާފިއު ވިދާޅުވި އެވެ

ޝާފިއު ވިދާޅުވީ އެޕާޓީގެ މެމްބަރުންނަށް ވެސް ނުރައްކާތެރި އިންޒާރު ދެމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ

ވެރިކަމުގެ ނިޒާމެއް ކަނޑައެޅުގެ ވޯޓް ނެގުމަށް ދެދުވަހަށް ވެފައިވާއިރު އަތޮޅުތަކުގެ ރައްޔިތުންނަށް ބިރުދެއްކުމާއި އެކިގޮތްގޮތުން ރިސްވަތު ދިނުން އާއްމުވެފައިވާއިރު މިކަން ހުއްޓުވުމަށް ކަމާއި ބެހޭ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދެވެ

މާލެ ވިލިގިލީގައި ބެނާތަކާއި އެހެންވެސް ވަކި ނިޒާމަކަށް ކެމްޕޭން ކޮށްދޭ ފަރާތްތަކަށް ފައިސާގެ ބޮޑެތި އަދަދުތައް ދެމުންދާ ކަމަށް ޔަގީން ކުރެވިފައި ވެއެވެ

މިކަމާ ގުޅިގެން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި އުފެދިފައިވާ އެންމެ ބޮޑު ދެޕާޓީން ވެސް ބާރާއި ނުފޫޒު ބޭނުންކޮށްގެން ވޯޓް ނަތީޖާ އަބުރާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ

” އަޅުގަނޑމެން ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ މައްސަލައެއް މިއީ. އަދި މިއުޅެނީ ރިސްވަތު ދިނުމާއި ބިރު ދެއްކުމުގައި. މިކަމުގައި މިއަންވުރެ ކަންތައްތައް މައްސަލަތައް ދިމާވާނެ.“ އުމަރު ވިދާޅުވި އެވެ

އުމަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ތަޅާފޮޅުމާއި ލޭ އޮހިރުމަކަށް ވޯޓުން ވެގެން ގޮސްދާނެ ތީ ކަންބޮޑުވާ ކަމަށެވެ. ރާއްޖޭގައި އުފެދިފައިވާ 5 ޕާޓީގެ ތެރެއިން 4 ޕާޓީން ރިޔާސީ ނިޒާމަކަށް ތާއީދު ކުރަމުންދާއިރު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަމުންދަނީ ހަމައެކަނި އެމްޑީޕީން ނެވެ

މިކަމާ ގުޅިގެން މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) ގެ ޒައީމް ރީކޯ އިބްރާހިމް މަނިކު ވިދާޅުވީ އެޕާޓީއަކީ ފައިސާގެ ގޮތުން މާ ފޯރުންތެރި ޕާޓީއެއް ނޫން ކަމަށާއި އެޕާޓީގެ ހުރިހާ ވެސް ކުރިއެރުމަކީ އެޕާޓީގެ ސިޔާސަތާއި ގެންގުޅޭ ވިސްނުން ކަމަށެވެ

” އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް މައުލޫމާތު ދެމުން މިދަނީ ފައިސާ ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ވޯޓަށް ބާރު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް.“ ރީކޯ އިބްރާހިމް މަނިކު ވިދާޅުވި އެވެ

Report: Velidhoo Community

No comments: