Sunday, August 26, 2007

އަންނަ އަހަރު ނިމޭ ރިޔާސީ ދައުރާއެކު އިންފޮމޭޝަން މިނިސްޓަރ އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެއްޖެ

25/08/2007ު

ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބުދުލް ގައްޔޫމް މިހާރު ފުރުއްވަމުންގެންދަވާ މި ދައުރު ހަމަވުމާ އެކު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާދެއްވާނެ ކަމަށް މިހާރުގެ އިންފޯމޭޝަން މިނިސްޓަރ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ

ނަޝީދުގެ އަމިއްލަފުޅު ސައިޓްގައި އިއްޔެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވެފައި ވަނީ ކުރިންސުރެ ނިންމަވާފައިވަނީ މިދައުރު ހަމަވުމާއެކު އިސްތިއުފާދީފައި ވަޑައިގަންނަވަން ކަމަށާއި އަދި މިދައުރު ނިމެންވާއިރަށް އެމަނިކުފާނާ ހަވާލުވެފައިވާ ކަންތައްތަކުގެ ބޮޑުބައެއް ފުރިހަމަ ކުރައްވާނެ ކަމަށެވެ

” އަޅުގަނޑު ނިންމާފައިވަނީ މިދައުރު ނިމުމާއެކު އިސްތިއުފާދޭން, އަދި އެގޮތަށް ކަންތައްވެސް ކުރާނަން. އެހިސާބަށްދާއިރު އަޅުގަނޑާ ހަވާލުވެފައިވާ ގިނަ ކަންތައްތަކެއްގެ ބޮޑުބައެއް ވާނީ ނިމިފައި“ ނަޝީދުގެ ބްލޮގްގައި ވިދާޅުވި އެވެ. ނަޝީދުގެ ސައިޓްގައިވަނީ ހަމައެކަނި އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެހެންނަމަވެސް ދެން އަންނަ ދައުރެއްގައި ވަޒީރުކަން ގަބޫލުކުރައްވާނެ ކަމަށް ނޫންނަމަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެއް ނުވެއެވެ. މިކަމާ ގުޅިގެން ޖަޒީރާއިން އެމަނިކުފާނަށް ގުޅުމުން ފޯނެއް ނުނަންގަވަ އެވެ

ނަޝީދަކީ ނިއުމޯލްޑިވްސް ނަމުގައި ރާއްޖެއަށް އިސްލާހު ގެނައުމަށް އުފެއްދި ޖަމާއަތުން ހަމައެކަނި ވަޒީރުކަމުގައި މިހާރު ހުންނެވި ބޭފުޅާ އެވެ. ނިއުމޯލްޑިވްސްއަށް ނިސްބަތްވާ ތިން ވަޒީރަކު ވަނީ މިމަހުގެ ތެރޭގައި އިސްތިއުފާދެއްވާފަ އެވެ. އޭގެ ތެރެއިން ކުރީގެ އެޓާނީ ޖެނެރަލް އަދި ޑީއާރޕީގެ ނައިބު ޒައީމު ޑރ.ހަސަން ސައީދާއި ޖަސްޓިސް މިނިސްޓަރ އިސްތިއުފާދެއްވާފައިވަނީ ރައީސްގެ އިހްލާސްތެރިކަމެއް ނެތްކަމަށް ވިދާޅުވެ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޑރ.ޝަހީދު އިސްތިއުފާދެއްވީ އިސްތިއުފާ ދިނުމަށް މަޖުބޫރުވެގެން ނެވެ

ނިއުމޯލްޑިވްސްގެ ހަތަރު ވަޒީރުން ސަރުކާރާއި ގުޅިވަޑައިގެންފައިވަނީ 14 ޖުލައި 2005ގަ އެވެ

Report: Velidhoo Community

Courtesy: Nasheed's blog" www.mnasheed.com"

No comments: