Monday, August 20, 2007

ރައްޔިތުންގެ އެދުމަކަށް ހުއްޓައިލައިފައިވާ މިލަދޫގެ ބަނދަރުގެ މަސައްކަތް ފަށައިފި
20/8/2007 | މަރިޔަމް އާޝިޔާ

މިލަދުންމަޑުލު ދެކުނުބުރީ މިލަދޫގައި ހަނދަމުންދިޔަ ބަނދަރުގެ މަސައްކަތް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހުއްޓުވައިލައިފައި އޮތުމަށްފަހު ރައްޔިތުންގެ އެދުމުގެ މަތިން ބަނދަރުގެ މަސައްކަތް އަލުން ފަށައިފި އެވެ.
ނ. މިލަދޫ ކުޑަކަތީބު އަޙްމަދު މުޙަންމަދު މަޢުލޫމާތު ދެއްވި ގޮތުގައި މިމަސައްކަތް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ހުއްޓައިލުމަށް އެންގީ، ބަނދަރާ ގުޅިިގެން އުތުރުގައި ދޯނި އެހެލާ ސަރަޙައްދު ހެދުމަށް އެދި އެވެ. ކުޑަކަތީބު ވިދާޅުުވި ގޮތުގައި ބަނދަރު ހެނދުމުގެ ކުރިން މިކަމާ ބެހޭ ގޮތުން ރައްޔިތުންނާ މަޝްވަރާ ކޮށްފައެއް ނުވެ އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލުން މިމަސައްކަތް ފެށި ކަމުގައިވިއަސް އުތުރު ފަރާތުގައި މަސައްކަތް ނުފެށުމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އަންގައިފަ އެވެ.
"އަލުން މިހާރު މިވަނީ މަސައްކަތް ފެށިފައި. މިގޮތަށް ރައްޔިތުން ނިންމީ މިއީ ތަރައްޤީގެ މަޝްރޫޢަކަށްވާތީ. މިކަމަށް ފުރުޞަތު ލިބުމުން ދޫކޮށްނުލުމަށް" ކުޑަކަތީބު ވިދާޅު ވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަނދަރުގެ ބޮޑުމިނާ މެދުވެސް ހިތްހަމަ ނުޖެހެ އެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ބަނދަރާ ގުޅުވައިގެން އުތުރުފަރާތުގައި އޮޑިދޯނިފަހަރު އެހެލާނެ ސަރަޙައްދެއް ހެދުމަށް ރައްޔިތުން ބޭނުން ވެއެވެ.
މި މަސައްކަތަކީ އެމް.ޓީ.ސީ.ސީއާ ޙަވާލު ކުރައްވައިގެން މިދިޔަ އަހަރުގެ ނޮވެމްބަރ އެގާރަވަނަ ދުވަހު މަސައްކަތް ފަށައިފައިވާ ބަނދަރެކެވެ. މިބަނދަރުގެ މަސައްކަތް ހަވާލު ކުރައްވައިފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިލަދޫ ކުޑަކަތީބު މަޢުލޫމާތު ދެއްވި ގޮތުގައި މިވީ ދުވަސްތަކުގެ ތެރޭގައި ބަނދަރުގެ މަސައްކަތް އެންމެ އެދެވޭ ގޮތަކަށް ކުރިއަށް ގޮސްފައެއް ނުވެ އެވެ. މި ބަނދަރަކީ 200 ފޫޓް ފުޅާ އަދި 300 ފޫޓް ދިގުމިނުގެ ބަނދަރެކެވެ.

Velidhoo Community
Courtesy: Aafathis

No comments: