Wednesday, August 22, 2007

ކެބިނެޓްގެ މެމްބަރުންނާއި ދެކޮޅުވެރިން ސަރުކާރު ހީނަރުކޮށްލަނީ!
22/8/2007

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.އަޙްމަދު ޝަހީދު ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވިކަމީ ބަޔަކު އުފާކުރާނެ ކަމެކެވެ. މީގައި ދެކޮޅުވެރިބަޔަކާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބަޔަކުވެސް ހިމެނެއެވެ. ޤައުމައި ޤައުމުގެ މަސްލަޙަތަކަށް، ބެލުމެއްނެތި ސަރުކާރު ހިންގާ ފަރާތަށް ދެވުނު ގޮތަކުން ގެއްލުން ދިނުމަކީ މިހާރު ޢާއްމު ރޫޙެކެވެ.
އެހެންނަމަވެސް ޤައުމާމެދު ހެޔޮއެދިގެން ވިސްނާ ހަމަ ކޮންމެމީހަކު މިޚަބަރު އަހާނީ ޙައިރާންކަމާ އެކުގައެވެ. ހިތް ނުތަނަވަސްކަމާއެކުގައެވެ.
ސަބަބަކީ ވޭތުވެދިޔަ ދެތިން އަހަރެއްގެތެރޭގައި ޑރ.އަޙްމަދު ޝަހީދު ޚާރިޖީ ދާއިރާއިން ޚިދުމަތް ކޮށްދެއްވީ އިޚްލާސްތެރިކަމާއެކު ދިވެހި ޤައުމަށް ކަމަށްވީތީއެވެ. ބޭރު ދުނިޔޭގައި އުފުއްލެވީ ދިވެހި ޤައުމުގެ ނަންކަމަށް ވީތީއެވެ. ދިވެހި ޤައުމުގެ ތަޞައްވުރު ރަނގަޅުކުރެއްވީތީއެވެ. ކެނޑިނޭޅި ބަޔަކު މިޤައުމުގެ ރީތިނަމާއި ޝަރަފް ނަގާލަން މަސައްކަތް ކުރަމުން ދިޔައިރު އަދި މިއީ އިންސާނީ ހައްޤު ޤާއިމްވެފައިނެތް ތަނެއްކަމުގައި ދުނިޔެއަށް ދައްކަން މަސައްކަތް ކުރަމުން ދިަޔއިރު އިންސާނީ ހައްޤުތަކާއިބެހޭ މުޢާހަދާތަކުގައި ރާއްޖެ ބައިވެރިވުމާއި ބައިނަލް އަޤުވާމީ މަސްރަޙްގައި މިޤައުމަކީ "ޝަރަފުވެރި" ޤައުމެއްކަން ހާމަކޮށްދެއްވި ޒުވާން ޢިލްމީ ވަޒީރަކީ ޑރ. ޝަހީދުކަމަށްވީތީއެވެ.
އެމަނިކުފާނު އިއްޔެ ހެނދުނު އިސްތިއުފާ ހުށައަޅުއްވައިފިކަން އާފަތިސް ނޫހަށް ޔަޤީން ކޮށްދެއްވަމުން ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ ޑރ.ޝަހީދު އިސްތިއުފާ ދެއްވީ އެއްވެސް ޙާލެއްގައި ދިވެހި ސަރުކަރާއި ނުވަތަ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމާ މެދު އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮވެގެން ނޫންކަމުގައެވެ. އެހެންނަމަވެސް ތަފާތު އެކިއެކި ފަރާތްތަކުން ޑރ.ޝަހީދަށާއި އެމަނިކުފާނުގެ ޢާއިލާއަށް ދެމުންދާ އިންޒާރުތަކާއި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުއްވަމުންގެންދާ ހަޤީގަތެއްނެތް ތުހުމަތުތަކުގެ ސަބަބުން، އެ މަޤާމުގައި ހުންނެވުުމަށްވުރެ އިސްތިއުފާދެއްވުން ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވާތީ އެމަނިކުފާނު އިސްތިއުފާދެއްވީ ކަމުގައެވެ. އަދިވެސް ޑރ. ޝަހީދު ހުންނެވީ ރައީސް މައުމޫނަށާއި ދިވެހިރައްޔިތުންގެ ޕާޓީ(ޑީ.އާރު.ޕީ)އަށް ޚިދުމަތް ކުރައްވަން ތައްޔާރަށްކަމުގައި މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ. ޑރ.ޝަހީދަށް ވަޒީރުންގެ ފަރާތްޕުޅުންވެސް ގިނަ ފިއްތުންތައް މިދަނޑިވަޅުގައި ކުރިުމަތި ކުރަމުންދާކަމުގައި މިނޫހަށްވަނީ މަޢުލޫމާތު ލިބިފައެވެ.
ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެތެރޭގައި ޑރ.ޝަހީދު ޚާރިޖީ ދާއިރާއިން ރާއްޖެއަށް ހޯއްދަވައިދެއްވާފައިވާ ކުރިއެރުންތަކާއި ކޮށްދެއްވި ޚިދުމަތްތަކަކީ ކުރުމުއްދަތެއްގެ ތެރޭގައި ކޮށްދެއްވާފައިވާ ފަހަގަކޮށްލެވޭ މުހިންމު ޚިދުމަތްތަކެއްކަމުގައި ސަރުކާރުގެ އިސްތަރުޖަމާނު ވިދާޅުވިއެވެ. އަދި ކެނޑިނޭޅި ބަޔަކު ބޭރުދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު ކިލަނބުކުރުމަށް މަސައްކަތް ތަކެއް ކުރަމުން ދިއުމާއި އެކުގައިވެސް އެފަރާތްތަކަށް ގޮންޖައްސަވާ، ބޭރުދުނިޔޭގައި ރާއްޖޭގެ ނަން އުފުއްލަވައިދެއްވާފައި ވާކަމީ ޑރ. އަޙްމަދު ޝަހީދުގެ މަސައްކަތްޕުޅުގެ އަލިގަދަ ހެއްކެތްކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ޑރ. ޝަހީދަކީ ވަރަށް ސާފު ބޭފުޅެކެވެ. ސަރުކާރުގެ އިސްތަރުޖަމާނު ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތަކެއް ނުހުންނާނެއެވެ. އެމަނިކުފާނަކީ އިޚްލާސްތެރި ކަމާއެކު ޤައުމަށް އަގުހުރި ޚިދުމަތް ތަކެއް ކޮށްދެއްވަމުން ވަޑައިގެންނެވި ބޭފުޅެކެވެ. އެހެންކަމުން އެމަނިކުފާނުގެ ޚިދުމަތް ކުޑަވަގުތުކޮޅަކަށް ނަމަވެސް ނުލުބުމަކީ ދިވެހިރައްޔިތުންނަށް ލިބިގެންދާނޭ ވަރަށްބޮޑު ދެރައެކެވެ.
ޑރ.ޝަހީދަކީ 18 އަހަރަށްވުރެ ދިގުމުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކޮށްދެއްވާފައި، ޕެންޝަން ލިބިވަޑައިގަތުމާ ގާތްވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި، އަދިވެސް އެމަނިކުފާނު ހުންނެވީ ރައީސް މައުމޫނަށާއި ދިވެހި ރައްޔިތުންނަށް ވަފާތެރިއެއްގެ ގޮތުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.
" ސަރުކާރުގެ އިސްތަރުޖަމާނުގެ ޙައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ ޑރ.ޝަހީދަށް، ޝުކުރިއްޔާއޭ! ރައީސް މައުމޫނަށާއި ދިވެހިޤައުމަށް ވަރަށްބޮޑެތި ޖިހާދުތަކެއް ވެވަޑައިގެންފައޭ އެވަޑައިގަތީ! ވަރަށް ފުރިހަމަ މަސައްކަތްޕުޅުތަކެއް ކުރައްވާފައޭ އެވަޑައިގަތީ! ފާގަތި މުސްތަޤުބަލަކަށް އެދެމޭ!" އިސްތަރުޖަމާނު ޝަރީފް ވިދާޅުވިއެވެ.
ޑރ. އަހްމަދު ޝަހީދު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަގާމާ މަތިކުރެއްވީ 2005 ވަނަ އަހަރުގެ ޖުލައި 14 ވަނަދުވަހު ރައީސުލް ޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި ބަދަލުތަކެއްގެ ތެރޭގަ އެވެ. ޑޮކްޓަރ ޝަހީދަކީ ދިވެހިންގެ އަޑެއްނެތްދުވަހު ދިވެހިންގެ އަޑެވެ. ދުނިޔޭގެ ޤައުމުތަކަށް ދިވެހިރާއްޖޭގެ ޙާލަތު ހާމަ ކޮށްދެއްވައި، ފާޑުކިއުންތައް އަމާޒުކުރެވުނު އިރުވެސް، ރާއްޖޭގެ ދިފާޢުގައި ވާހަކަދެއްކެވި ޝަހީދެވެ. ރާއްޖެ މިފަހުން ބައިވެރިވި އިންސާނީ ހައްޤުތަކުގެ މުޢާހަދާތަކުގައި ބައިވެރިކުރުމުގާ އެންމެ މުހިންމު ދައުރެއް އަދާކުރެއްވީވެސް ޚުދު ޑރ. ޝަހީދެވެ.
އިއްޔެ ހެނދުނު އޭނާ އިސްތިއުފާ ހުށަހެޅުއްވުމާގުޅިގެން ފޮރިން މިނިސްޓްރީ ހިންގެވެވުމާ ވަގުތީގޮތުން ޢަބްދުﷲ ޝާހިދާ ސަރުކާރުންވަނީ ޙަވަލުކުރައްވާފައެވެ.
ޑރ. އަޙްމަދު ޝަހީދު ިއިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމްވަނީ އެމަނިކުފާނުގެ އިސްތިއުފާ ޤަބޫލުފުޅު ކުރައްވާފައެވެ. މިކަން ޤަބޫލުފުޅު ކުރައްވައި ރައީސް މައުމޫން ފޮނުއްވި ސިޓީފުޅުގައި "މިނިސްޓްރީ އޮފް ފޮރިން އެފެއާޒްކަމުގެ މަޤާމުގައި ޑރ.އަޙްމަދު ޝަހީދު ހުންނަވައިގެން ބައިނަލް އަޤްވާމީ މައިދާނުގައި ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރެއްވުމަށާއި، ސަރުކާރުގެ ސިޔަސަތު ހާމަކޮށްދެއްވުމަށާއި އަދި ރައީސުލް ޖުމްހޫރިއްޔާގެ އިސްލާޙީ އެޖެންޑާ ކާމިޔާބުކުރެއްވުމަށް ސާބިތުކަމާއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަ ކުރައްވައި ވަރަށް އިޚްލާސްތެރި ކަމާއެކު ޑރ.އަޙްމަދު ޝަހީދަށް" ޝުކުރު އަދާ ކުރައްވާފައި ވެއެވެ.
މިއަދަކީ ޑރ. ޝަހީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގައި ނެގުމަށް އެޖެންޑާ ކޮށްފައިވާ ދުވަހެވެ. ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލިސް ފެއިލް ވެފައިވާ ކަމަށް ވިދާޅުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ތޭރަ މެމްބަރަކު ސޮއިކުރައްވައި ފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކުރައްވައިފައެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ޕާލަމެންޓު ފެއިވެފައިވުން ކަމުގައި ޑރ. ޝަހީދު ވިދާޅުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އޭނާ އަރާވަޑައިގަތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ޖަލްސާއެއްގައި ވަރަށް ގިނަ މެންބަރުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. މިޖަލްސާގައިވެސް އެމަނިކުފާނުގެ ބައިވެރިން ކަމުގައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތްޕުޅުން އެމަނިކުފާނަށް ދެއްވަންޖެހޭ ތާޢީދު ދެއްވާފައެއް ނުވެއެވެ.
އަދި މީގެއިތުރުން މިއަހަރުގެ އެޕްރީލްމަހުގެ ފަނަރަވަނަދުވަހު މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި މަރުވެފައި އޮއްވާފެނުނު މީހާގެ މަރުގެ މައްސަލާގައި ވެސް ޑރ.ޝަހީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީ އަށް ހާޒިރުކުރައްވައިފައެވެ. އަދި މިނޫނަސް އިތުރު ފިއްތުންތަކާއި މައްސަލަތައް ޑރ.ޝަހީދަށް މަޖިލީހުގެ ތެރެއިންނާއި ބޭރުންވެސް ކުރިމަތި ކުރަން ރޭވިފައި ވާކަމުގެ އިޝާރާތްތައް ފެންނަމުން ދާކަމުގައި އިއްޔެ، ސަރުކާރުގެ އިސްތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިނޫހަށް ޔަޤީންކޮށްދެއްވިއެވެ. ހަމަ އެފަދައިން ހުރިހާފަރާތަކުން އެމަނިކުފާނަށް ޙަމަލާދިން އިރު ބައެއް ވަޒީރުންވެސްވަނީ އެމަނިކުފާނަށް ޙަމަލާދީ ހައްދަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު ނަޝީދުވެސް އިހަށްދުވަހު މިފަދަ ޙަމަލާއެއް ދެއްވާ ޑރ.ޝަހީދަށް ފޮނުއްވި ސިޓީފުޅެއް "ހާމަ" ދުވަހުނޫހުގައި ޝާޢިއު ކޮށްފައިވެއެވެ. މި ސިޓީގެ ނަކަލެއް ހާމަނޫހުގެ ވާނީ ޝާޢިއުކޮށްފައެވެ.
އެސިޓީފުޅުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ.އަޙްމަދު ޝަހީދު ރާއްޖޭގެ ދާޚިލީ ކަންކަމާގުޅޭގޮތުންނާއި އެހެން ވަޒީރުންގެ ދާއިރާގެ ކަންކަމާ ގުޅޭގޮތުން ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެއްވާކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.
"ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމުގެ ވޯޓުގައި، ރިޔާސީ ނިޒާމަށް އަޣުލަބިއްޔަތު ލިބުމުން ދިވެހިރައްޔިތުންގެ ޕާޓީގެ ޒަޢީމު ނަސަންދުރަ ޕެލެސް ހޮޓެލްގައި ހަމެޖެއްސެވި ނޫސް ކޮންފަރެންސް، ފޮރިން މިނިސްޓްރީގެ މުވައްޒަފުން ހަމަޖެއްސެވުމަކީވެސް، އަޅުގަނޑު ޤަބޫލުކުރާކަމެއްނޫނެވެ.
މިހާރު ޚާރިޖީ ވަޒީރަކަށް ހުންނެވި ބޭފުޅަކީ، ކުރިން ޗީފް ގަވަރމަންޓް ސްޕޯކްސްމަންގެ ވަޒީފާ އަދާކުރެއްވި ބޭފުޅަކަށް ވީމަނަވެސް، ޚާރިޖީ ވަޒީރުގެ ފަތްކޮޅުގައި ހިއްޕެވުމަށް ފަހު، ރަނގަޅުވީހީ ހަމައެކަނި ޚާރިޖީ ދާއިރާގެ ކަންތައްތައް ކުރެއްވުމެވެ. ރާއްޖޭގައި މިވަގުތުހުރި އިންފޮމޭޝަން މިނިސްޓަރަކީ، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެވޭ، އެކަންކަން ހަމަޖެއްސޭ ފެންވަރުގެ މީހެއްކަމުގައިވެސް ދެންނެވީމެވެ." އިންފޮމޭޝަން މިނިސްޓަރ އަލްއުސްތާޛު މުޙައްމަދު ނަޝިދު ޑރ.ޝަހީދަށް ފޮނުއްވި ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.
އަދި މުޙައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅު ނިންމަވާލައްވަމުން އިންޒާރު ކުރައްވާފައިވެއެވެ.
"މީގެ ފަހުން މިފަދަ ކަމެއް ދެބޭފުޅުންކުރެ ބޭފުޅަކު ކުރައްވައިފިނަމަ، މައްސަލަތައް އިތުރުވާނެ ކަމުގައިވެސް ދެންނެވީމެވެ."
މިފަދަ ތަފާތު މައްސަލަ ތައް ކުރިމަތިވުމުގެ ސަބަބުން، ޑރ. ޝަހީދަށް އޭނާގެ ވަޒީރު ކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް، ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށް އޭނާވަނީ ހާމަ ކުރައްވާފައެވެ.
ޑރ.އަޙްމަދު ޝަހީދަކީ ރައީސްމައުމޫނުގެ އިސްލާޙީ އެޖެންޑާ ކާމިޔާބުކުރެއްވުމަށްޓަކައި ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. ައަދި އޭނާވަނީ އިނދިކޮޅު ފަރާތްތަކުން އިސްލާޙީ އެޖެންޑާއަށް ކިޔާ ފާޑުތަކަށް ރައްދުދެއްވައި އިސްލާޙީ އެޖެންޑާ ކާމިޔާބުކުރެއްވުމަށްޓަކައި ރައީސް މައުމޫނު ކުރައްވާ މަސައްޕުޅަށް ތާއީދު ކުރައްވައި އިސްލާޙީ އެޖެންޑާ ދެމެހެއްޓުމަށްޓަކައި މަސައްކަތް ޕުޅުތަކެއް ކުރައްވާފައެވެ.
.....................................................................................
މިނިސްޓްރީ އޮފް އިންފޮމޭޝަން އަރޓްސް އެންޑް ކަލްޗަރ
މާލެ
ދިވެހިރާއްޖޭ ނަމްބަރ: 22/2007/25/ އޭ-131
މިނިސްޓަރ އޮފް ފޮރިން އެފެއާރޒް ޑރ. އަޙްމަދު ޝަހީދަށް
ވެދުންސަލާމަށް ފަހު ދަންނަވަމެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާގުޅޭގޮތުންނާއި އެހެން ވަޒީރުންގެ ދާއިރާގެ ކަންކަމާ ގުޅޭގޮތުން ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެއްވާ ހެއްދެވުމަކީ އަޅުގަނޑު ޤަބޫލު ކުރާކަމެއްނޫނެވެ. ޚާރިޖީ ވަޒީރުގެ ނޫސްކޮންފަރެންސްތައް ހަމަޖެއްސުމުގައި، ޗީފް ގަވަރމަންޓް ސްޕޯކްސްމަން އެއްވެސް މަސައްކަތެއް ކުރައްވައި، ނޫސްވެރިންނަށް ގުޅުއްވާ ހެއްދެވުމަކީވެސް އަޅުގަނޑު ޤަބޫލުކުރާކަމެއް ނޫނެވެ.
ހަމައެފަދައިން، ރާއްޖޭގައި އޮންނަ ފެންނަ ވެރިކަމުގެ ނިޒާމުގެ ވޯޓުގައި، ރިޔާސީ ނިޒާމަށް އަޣުލަބިއްޔަތު ލިބުމުން ދިވެހިރައްޔިތުންގެ ޕާޓީގެ ޒަޢީމު ނަސަންދުރަ ޕެލެސް ހޮޓެލްގައި ހަމެޖެއްސެވި ނޫސްކޮންފަރެންސް، ފޮރިން މިނިސްޓްރީގެ މުވައްޒަފުން ހަމަޖެއްސެވުމަކީވެސް، އަޅުގަނޑު ޤަބޫލުކުރާކަމެއްނޫނެވެ.
މިހާރު ޚާރިޖީ ވަޒީރަކަށް ހުންނެވި ބޭފުޅަކީ، ކުރިން ޗީފް ގަވަރމަންޓް ސްޕޯކްސްމަންގެ ވަޒީފާ އަދާކުރެއްވި ބޭފުޅަކަށް ވީމަނަވެސް، ޚާރިޖީ ވަޒީރުގެ ފަތްކޮޅުގައި ހިއްޕެވުމަށް ފަހު، ރަނގަޅުވީހީ ހަމައެކަނި ޚާރިޖީ ދާއިރާގެ ކަންތައްތައް ކުރެއްވުމެވެ. ރާއްޖޭގައި މިވަގުތުހުރި އިންފޮމޭޝަން މިނިސްޓަރަކީ، ރާއްޖޭގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެވޭ، އެކަންކަން ހަމަޖެއްސޭ ފެންވަރުގެ މީހެއްކަމުގައިވެސް ދެންނެވީމެވެ.
އަދި ހަމައެހެންމެ ރާއްޖެއަށް އެކިކަންކަމުގައި އަންނަ ނޫސްވެރިންގެ ކަންކަން ރާއްޖޭގައި ބަލަހައްޓައި، އެމީހުންނަށް އެހީތެރިކަން ފޯރުކުުރުމަކީވެސް، ޚާރިޖީ ވަޒީރާއި ގަވަރމަންޓް ސްޕޯކްސްމަންގެ އަމިއްލަ ކަމެއްކަމަށް ހީކުރައްވާ، އިންފޮރމޭޝަން މިނިސްޓްރީ އާ ނުބައްސަވާ، ދެބޭފުޅުން ކުރައްވާ ކަންތައްތަކުން އިންފޮމޭޝަން މިނިސްޓްރީގެ ދައުރުއޮޅި، މަސައްކަތް އިތުރުވެ މައްސަލަތައް އިތުރުވުން ނޫންކަމެއް ނުވެއެވެ.
މިސިޓީ މިފޮނުވަނީ، ތަފާތު މުނާސަބަތު ތަކުގައި، ތަފާތު ބައްދަލުވުން ތަކުގައި، މިވާހަކަ ޚާރިޖީ ވަޒީރަށް ދަންނަވާފައިވާއިރުވެސް، އެއްވެސް އިޞްލާޙެއް މިކަމަށް އައިސްފައިނެތުމުންނެވެ. އަދި ގަވަރމަންޓް ސްޕޯކްސްމަންއަށްވެސް އޭނާގެ ދާއިރާ އޮޅިފައިވާހެން މިހާރު ވަރަށް ބޮޑަށް ހީވާތީއެވެ.
މީގެ ފަހުން މިފަދަ ކަމެއް ދެބޭފުޅުންކުރެ ބޭފުޅަކު ކުރައްވައިނަމަ، މައްސަލަތައް އިތުރުވާނެ ކަމުގައިވެސް ދެންނެވީމެވެ.
އިޙްތިރާމްޤަބޫލުކުރެއްވުން އެދެމެވެ.
7 ޝަޢުބާން 1428
20 އޮގަސްޓް 2007

No comments: