Monday, August 27, 2007

އާންމު ވޯޓުގެ މައްސަލަތައް ޝަރީއަތަށް ހުށަހަޅުމަށާ ގައުމީ އިހުތިޖާޖެއް ކުރުމަށް އެމްޑީޕީ ގައުމީ މަޖިލިހުން ނިންމައިފި

27/08/2007ު

މިމަހު 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާނެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ނެނގި ވޯޓްގައި ގަވައިދާ ހިލާފު ކަންތައްތަކެއް ކޮށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާތީ އެމައްސަލަ ޝަރީއަތަށް ހުށަހަޅާ ގައުމީ އިހުތިޖާޖެއް ކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ

ރޭގެ ޖަލްސާގައި ސުވާލާ ޖަވާބުގެ ވަގުތު ކޮޅުގެ ފަހުން އެންމެ ފުރަތަމަ އެޖެންޑާ ކުރެވިފައިވަނީ މާލޭ ދާއިރާއިން ހުށަހަޅާފައިވާ އާއްމު ވޯޓްގެ މައްސަލަ ޝަރީއަތަށް ފޮނުވުމުގެ މައްސަލަ އެވެ. މިމައްސަލައި ގެ ކޮމެޓީގެ ވަގުތަށް ހުޅުވާލުމުން ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް މައްސަލައަށް ތާއީދު ކުރެއްވި އެވެ

ކޮމެޓީ ވަގުތުގައި ވާހަކަފުޅު ދައްކަވަމުން މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ މަދަނީ ކޯޓްގެ އިސްގާޒީ ހުސްނުއް ސުއޫދު ވިދާޅުވީ މައްސަލަ އެއް މައްސަލަ އެއްގެ ގޮތުގައި ހުށަހެޅުމަށް ވުރެ, ވަކި މައްސަލަތަކެއްގެ ގޮތުގައި ހުށައަޅުން މާ ފައިދާ ބޮޑު ވާނެ ކަމަށެވެ

” އަޅުގަނޑުމެންނަށް ލިބިފައިވާ ގާތްގަނޑަކަށް 147 މައްސަލަ ވަކި މައްސަލަތަކެއްގެ ގޮތުގައި ހުށަހެޅުން މާ ފައިދާ ބޮޑު ވާނެ.“ ސުއޫދު ވިދާޅުވި އެވެ

ރޭ މައްސަލަ އާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ގިނަ މެމްބަރުންގެ ވާހަކަފުޅުގައި މައްސަލަ ހުށައަޅަން ޖެހެނީ ވެސް ހަމަ މިހާރު އޮތް ސަރުކާރުގެ ބާރު ހިނގާ ކޯޓުތަކަށް ކަމަށް ވިދާޅުވެފައި ވެއެވެ

ކޮމެޓީ ވަގުތަށް ފަހު މިމައްސަލަ ވޯޓަކަށް އެހުމުން ޖަލްސާ ވަޑައިގެން ތިއްބެވި 38 މެމްބަރުންގެ ތެރެއިން 31 މެމްބަރުން މައްސަލަ ކޯޓަށް ހުށަހެޅުމަށް ވޯޓް ދެއްވި އެވެ

މިމައްސަލައަށް ފަހު ދެން އެޖެންޑާގައި އޮތީ ހަމަ މާލޭ ދާއިރާއިން ވޯޓުގެ މައްސަލަތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހުށައަޅާފައިވާ ގައުމީ އިހުތިޖާޖް ކުރުމުގެ ގަރާރެވެ. މިގާރުގެ ކޮމެޓީ ވަގުތުގައި ވަރަށް ގިނަ މެމްބަރުން ވާހަކަފުޅު ދައްކަވާފައި ވެއެވެ. ބައެއް ބޭފުޅުން މިއިހުތިޖާޖް ކުރުން ރައީސް މައުމޫންގެ ސަރުކާރު ވެއްޓެންދެން ދެމިގެންދާ ގޮތަކަށް ކުރިއަށް ގެންދިއުމަށް ވެސް ވާހަކަފުޅު ދެއްކެވި އެވެ

މި ގަރާރާ ދޭތެރޭ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން މިފަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ހުށައަޅާއިރު މިކަން މިގޮތަށް ކުރިއަށް ގެންދެވިދާނެ ތޯ ސުވާލު ކުރެއްވި އެވެ

” އަޅުގަނޑުމެންނަށް އެބަ ޔަގީންވޭ މޮޔަނާސިރާ ފެންވަރާނެ ކަން އެކަމު އަޅުގަނޑުމެންނަށް ޔަގީން ވޭތޯ މައުމޫނު ވެރިކަށް ދޫކޮށްލަފާނެ ކަން.“ ގައުމީ މަޖިލީހުގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅު މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ

ކޮމެޓީ ވަގުތަށް ފަހު ވޯޓަކަށް އެއްސެވެމުން ހާޒިރުވެ ތިބި 38 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ އަގުލަބިއްޔަތުން މަމައްސަލަ ފާސް ކުރެއްވި އެވެ

Report: Velidhoo Community

No comments: