އިންޑިޔާއަށް ހަމަލާ ދިނުމުގައި ރާއްޖެ ބޭނުންކުރާކަމަށް އިންޑިޔާއިން ބުނެފި
އިންޑިއާއަށް ޓެރަރިސްޓް ހަމަލާތައް ދިނުމުގައި ރާއްޖެ ޓްރާންސިޓް ބަދަރަކަށް ބޭނުން ކުރަމުންދާކަމަށް އިންޑިއާގެ ސިއްރުވެރިފަރާތްތަކާ ހަވާލާދީ އިންޑިއާގެ ޓީވީއަކުން ބުނެފި އެވެ
ޓައިމްސް ނައު ނަމަކަށް ކިޔާ ޓީވީން އިއްޔެ ފޮނުވާފައިވާ ހާއްސަ ރިޕޯޓެއްގައި ސިއްރުވެރިފަރާތްތަކާ ހަވާލާދީ ބުނެފައިވަނީ އިންޑިއާއަށް ހަމަލާ ދިނުމުގައި ޓެރަރިސްޓުން ބޭނުންކުރާ އާމަގެއް ފެނިފައިވާ ކަމަށާއި އެއީ ޕާކިސްތާނުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކޮށްގެން ކަމަށެވެ
” ދަތުރުތައް ފަށަނީ ޕާކިސްތާނުން މާލެ. ދެން އެއަށްފަހު އިންޑިޔާގެ ދެކުނުގެ ސަރަހައްދުތަކަށް ދަނީ މާލެއިން ފުރައިގެން.“ އިންޑިޔާއަށް ދެމުންގެންދާ ބޮމުގެ ހަމަލާތަކާ ގުޅިގެން ޓައިމްސް ނައު ޓީވީން ދެއްކި ރިޕޯޓްގައި ބުނެފައިވެ އެވެ
އެ ރިޕޯޓްގައި ދައްކާފައިވާ ޗާޓުން ފެންނަނީ ޕާކިސްތާނުގެ ކަރާޗީން މާލެއަށް އަދި މާލެއިން އިންޑިޔާގެ އަވަށްތައްކަމަށްވާ ޗެންނާއި ބެންގަލޫރ އަދި ހައިދަރުއާބަދަށް ދާތަނެވެ
އެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި 29 އަހަރުވަންދެން ވެރިކަން ކުރަމުންދާ ރައީސް މައުމޫނާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމަށެވެ
” އެކަމަކު އިދިކޮޅު ފަރާތްތަކުން މިހާރު ބުނަމުން ދަނީ ރައީސްގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އިސްލާމް ބޭނުން ކުރަމުންދާކަމަށް“ އިއްޔެގެ ރިޕޯޓްގައި ބުނެފައިވެއެވެ
އެރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަމަޅަ ޓައިގަރުން އެމީހުންގެ ހަތިޔާރާއި ޑްރަގާއި އަދި ފާރަވެރިން އުފުލުމުގައި ބޭނުންކުރަމުން ދާކަމަށެވެ. މިއަހަރު ތެރޭގައި ތަމަޅައިންގެ ބޯޓެއް ރާއްޖެއިން ފެނިފައިވުމުން މިކަމަށް އިތުރަށް ބާރު ލިބިގެން ދެއެވެ
ހައިދަރު އާބާދަށް ދިން ބޮމުގެ ހަމަލައާ ގުޅިގެން ރާއްޖެ އަކީ ޓެރަރިސްޓު ހަބެއް ކަމަށް ބުނެ އެ ގައުމުގެ ޓީވީ ޗެނަލަކުން ދައްކާ ވާހަކަތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ އެ މައުލޫމާތު އެ މަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އެކަމުގެ ތަފްސީލް އަދި ހޯދިފައިނުވާ ކަމަށެވެ
”ރާއްޖެއަކީ ވަކި ކަހަލަ ބަޔަކާ ގުޅުން ހުރި ގައުމެއްކަމަށް ވާހަކަ ފެތުރިގެން ދާ ކަމުގައިވާނަމަ, އެކަމުން ނޭދެވޭ އަސަރުކުރާނެ. ހަގީގަތެއް ނުބަލާ އެ ވަހަކަ ވާހަކަ ދައްކައިގެން ނުވާނެ. އަޅުގަނޑުމެންނަކީ އެ ފަދަ ބައެއް ނޫން. އެ މައްސަލައިގެ ތެދު ދޮގު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރައްވާނެ,“ ޝައުގީ ވިދާޅުވި އެވެ
އިންޑިޔާގެ ހައިދަރއާބާދަށް މިދިޔަ ހޮނިހިރުދުވަހު ދިން ބޮމުގެ ހަމަލާއެއްގައި ވަނީ 44 މީހުން މަރުވެ 50 އަށްވުރެ ގިނަމީހުންނަށް އެކިކަހަލަ އަނިޔާ ލިބިފައެވެ
މިކަމާ ގުޅިގެން އައިބީއެން ޓީވީއަށް އިންޑިޔާގެ މުސްލިމް ޕާޓީއަކުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިފަދައިން ދޭ ހަމަލާތައް އިސްލާމުންނާ ގުޅުވެން ނެތް ކަމަށާއި އެފަދަކަންތައް ކުރަނީ މުސްލިމުންނެއް އަދި ހިންދޫބައެއްވެސް ނޫންކަމަށް އެފަރާތްތުން ބުނެއެވެ
” މިފަދަ ހަމަލާތައްދޭ މީހުން ވަކި ދީނަކާއި ނުގުޅުވޭނެ. އެފަދަ މީހުންގެ ތެރޭގައި ހިމެނިދާނެ މުސްލިމުންވެސް އަދި ހިންދޫންވެސް“ އޯލް އިންޑިޔާ އިއްތިހާދުލް މުސްލިމީންގެ މެމްބަރެއްކަމަށްވާ އަސަދުއްދީން ވިދާޅުވެފައިވެއެވެ
Report: Velidhoo Community
No comments:
Post a Comment