Saturday, August 25, 2007

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރައްވާނެ ކަމަށް އިބްރާ ވިދާޅުވެއްޖެ

25/08/2007

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރައީސް މައުމޫނާއި ވާދަ ކުރައްވަން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތި ލައްވާނެ ކަމަށް ސޯޝަލް ލިބަރަލް ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރކާތްތެރިވާ މާލޭ މެމްބަރ އިބްރާހިމް އިސްމާއީލް ވިދާޅުވެއްޖެ އެވެ

އިބްރާ ވިދާޅުވީ މިހާރު އޭނާ ލީޑަރަކަށް ހުންނަވައިގެން ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ޕާޓީ ރަޖިސްޓްރީވެ, އެޕާޓީން ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ހޮވައިފި ނަމަ އޭނާ ކުރި މަތިލާން ތައްޔާރަށް ހުންނެވި ކަމަށެވެ

އިއްޔެ ދި އެފްއެމް އިން ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި އާއްމް ރައްޔިތަކު އިބްރާއަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާ ވިދާޅުވީ މިހާރު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި މއ. ކިބިގަސްދޮށުގޭ މައުމޫނު އަބުދުލް ގައްޔޫމަކަށް މިގަމުގެ ރައީސްކަށް ދެން ކުރެއްވޭހައި ގާބިލުކަމެއް ނެތް ކަމަށެވެ

”ރައީސް މައުމޫން ހޮވިވަޑައިގެން ކޮންމެ ގޮތެއް ވީނަމަވެސް އަންނަށް އޮތް ޖީލުތަކުން ބުނާނެ އަޅުގަނޑުމެންނަށް ގައުމަށްޓަކައި ކޮށްދެވުނީ ކޮން ކަމެއް ހޭ. ރައީސް މައުމޫނާ ވާދަ ކޮށްލަން ވެސް ނުކެރުނޭ.“ އިބްރާ ވިދާޅުވި އެވެ

އިބްރާ ވިދާޅުވީ ދެންވެސް މައުމޫނާ ވާދަކޮށްލެވޭ ވަރުގެ މީހަކު ނެތްނަމަ ދެންވެސް ރައީސް ކަމަށް ހޮވޭނީ ހަމަ އެމަނިކުފާނު ކަމަށެވެ

އިބްރާގެ ވާހަކަފުޅުގައި އޭނާ ސަރުކާރުގެ އެއްވެސް ވަޒީފާއަކަށް މިއޮތް ދަޑިވަޅުގައި ދާން ގަސްތު ނުކުރާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ” އަޅުގަނޑު ސަރުކާރުން ވަކިވީވެސް އިހުލާސްތެރި ކަމާއި އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ ކަމަށް ނުބެލެވޭތީ.“ އިިބްރާ ވިދާޅުވި އެވެ

އިބްރާ ވިދާޅުވީ ރާއްޖޭގެ އިސްލާހީ މަސައްކަތް ފެށިފައިވަނީ އިއްޔެއަކު އަދި މިއަދަކު ނޫން ކަމަށާއި މީގެ އަހަރުތަކެއް ކުރިން މިކަމަށް ބަޔަކު މަސައްކަތް ފަށާފައިވާ ކަމަށެވެ. އިބްރާގެ ވާހަކަފުޅުގައި 1998 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުކަށް މުހައްމަދު ނަޝީދު (އަންނި) ހޮވިގެން ދިއުން ވެސް އެއީ އޭގެ ވަރަށް އަލިގަދަ ހެއްކެއް ކަމަށެވެ

” އެހެން ނަމަވެސް މާގިނަދުވަސްތަކެއް ނުވެ އެއްވެސް ތާކުންތާކު ނުޖެހޭ މައްސަލައެއްގައި އަންނިގެ މައްޗަށް ހުކުމްކޮށް މާލޭ ގޮޑިން ދުރުކުރުވީ.“ އިބުރާވިދާޅުވި އެވެ

” އެހާ ހިސާބުން އަޅުގަނޑުމެންނަށް ވިސްނުނީ އަދި މިހެން ދެތިން މީހަކު މަޖިލީހަށް ހޮވިގެން މިކަން ވާން ނެތް ކަން. އެފިކުރުގައި 2001 އަހަރު 42 މީހުން ސޮއިކޮށްފައި އެމްޑީޕީގެ ނަމުގައި ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅީ.“ އިބްރާ ވިދާޅުވި އެވެ

އިބްރާ ވިދާޅުވީ 2001 އަހަރު 42 މީހުން ސޮއިކޮށްފައި ސިޔާސީ ޕާޓީއެއް ރާއްޖޭގައި އުފެއްދުމަށް ހޯމް މިނިސްޓްރީއަށް ހުށަހެޅިތާ 2 ގަޑި އިރުވެސް ހަމަނުވަނީސް އެ 42 މީހުންގެ ނަންތައް އޮތީ ކޮމިޝަނަރ އޮފް ޕޮލިސްގެ ކުރިމަތީގައި ކަމަށެވެ

އިބްރާ ވިދާޅުވީ މިހާރު ރާއްޖެއިން މިފެންނަމުންދާ ސިޔާސީ މިނިވަން ކަމަކީ މިކަން ހޯދުމަށް ބަޔަކު ކުރި މަސައްކަތްތަކުގެ ވަރަށް އަލިގަދަ ހެއްކެއް ކަމަށެވެ

އިބްރާގެ ވާހަކަފުޅުގައި 2001 ވަނަ އަހަރު ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅާ އެކަން ކާމިޔާބު ނުވުމުން އޭގެ ތެރެއިން ގޯގޯ ލަތީފާއި އަންނި ރާއްޖޭން ބޭރަށް ގޮސް ކުރެއްވި މަސައްކަތް ފާހަގަ ކުރެއްވި އެވެ. އަދި ސިޔާސީ ޕާޓިއެއްގެ ގޮތުގައި އެމްޑީޕީ ރާއްޖޭން ބޭރުގައި އިއުލާންކޮށް ރާއްޖޭ ހާލަތު ބޭރު ދުނިޔެއަށް ހާމަކޮށްދިނުން ވެގެން ދިޔައީ އިސްލާހު ގެނެއުމަށާ ޕާޓީތައް ރާއްޖޭގައި ހެދުމަށް ސަރުކާރަށް މަޖުބޫރުވެ ބޭރުދުނިޔޭގެ ޕްރެޝަރު ސަރުކާރަށް ކުރިމަތިވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ސިޔާސީ ޕާޓިތައް ހަދާފައިވަނީ ވެސް އެކަމަށް މަޖްބޫރު ވެގެން ކަމަށް ވިދާޅުވި އެވެ

އާއްމް މީހަކު އިބްރާ އާ އަންނި އާ ދޭތެރޭ އެއްވެސް ރުޅިވެރިކަމެއް އޮތްތޯ ސުވާލު ކުރުމުން ވިދާޅުވީ އަންނި އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާ އަދި އަންނި އަކީ އިބްރާގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އަދި މިހާރު ވެސް އަންނި އާ ވާހަކަ ދައްކާ އެކި ކަންތައްތަކުގައި ހިޔާލުވެސް ބަދަލުކޮށް ހަދާ ކަމަށެވެ

އެމްޑީޕީން ވަކިވެ ވަޑައިގަތީ ކީއްވެތޯ މީހަކު ސުވާލު ކުރުމުން އިބްރާ ވިދާޅުވީ އެޕާޓީން ވަކިވެވަޑައި ގަތީ މަސައްކަތް ތަކަށް ހުރަސްތައް ކުރިމަތިވާތީ ކަމަށެވެ. އަދި މިހާރު ވެސް އެމްޑީޕީގައި ލީޑަރޝިޕެއް ނެތް ކަން ފާހަގަ ކުރެއްވި އެވެ

އިބްރާ ވިދާޅުވީ މިހާރު ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް އެއީ އެހެން ދުވަސްވަރެއް ކަމަށެވެ

އިބްރާއަކީ އެމްޑީޕީގެ ފުރަތަމަ ރައީސެވެ. އެހެންނަމަވެސް މާގިނަދުވަސްތަކެއް ނުވެ, ރައީސް ކަމުން އިސްތިއުފާ ދެއްވާ އަދި ދުވަސްކޮޅެއް ފަހުން އިބްރާ ވަނީ ޕާޓީން އިސްތިއުޕާ ދެއްވާފަ އެވެ. އިބްރާ އަކީ ރައީސް މައުމޫނުގެ ސިޔާސަތަކަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއްބޭފުޅެވެ

Report: Velidhoo Community

Courtesy: Interview with Mr. Ibrahim Ismail (Ibra) by http://dhifm95.com

No comments: