Monday, August 27, 2007

ނިޒާމު ކަނޑައެޅުމުގެ ވޯޓުގައި ގަވައިދާ ޚިލާފަށް އަމަލުކޮށްފައިވާތީ މައްސަލަތައް ހުށަހަޅަނީ


ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް މިމަހުގެ 18 ވަނަ ދުވަހު ނެގި އާއްމު ވޯޓުގައި ބޮޑެތި މައްސަލަތަކެއް އުޅޭތީ އެވޯޓު ނެގުމުގެ ޤަވާއިދުގައިވާ ގޮތުގެ މަތީން އެމައްސަލަތައް ބަލައި ދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފި އެވެ

ނޫހަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު(އަންނި) ވިދާޅުވީ ވޯޓުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެމައްސަލަތައް ބެލުމަށް އެވޯޓުގެ ޤަވާއިދުގައިވާ ގޮތުގެ މަތީން ކޯޓަށް ހުށަހެޅުމުގެ ތައްޔާރީތައް ދަނީ, ޕާޓީގެ ޤާނޫނީ ކޮމެޓީން ޕާޓީގެ ރައީސް ޑރ މުހައްމަދު މުނައްވަރު އިސްވެ ހުންނަވައިގެން ކުރައްވަމުން ކަމަށެވެ. އަދި ދާދި އަވަހަށް އެމައްސަލަތައް ހުށަހަޅުއްވާނެ ކަމަށްވެސް އަންނި ވިދާޅުވި އެވެ

” ހުށަހަޅަން މިޖެހެނީ މައުމޫނުގެ ކޯޓުތަކަށް. އެކަމުން ކަމެއް ވާނެކަމަކަށް ޤަބޫލެއް ނުކުރޭ. އަމުދުން އެމުއައްސަސާގައި ހުންނެވި ޖަސްޓިސް މިނިސްޓަރ މުހައްމަދު ޖަމީލާއި ބަންޑާރަ ނައިބު ހަސަން ސައީދު އިސްތިއުފާ ދެއްވުމަށްފަހު ވިދާޅުވި އެތަންތަން އޮތީކީ ރަނގަޅަކަށް ނޫނޭ. އެހެންވީމާ ކަމެއް އިންސާފުން ވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. އެކަމަކު ކުރަން އޮންނަ ކަމެއް ވިއްޔާ ކުރަން ޖެހޭނެތާ“ އަންނި ވިދާޅުވިއެވެ

މުނައްވަރު ވިދާޅުވެފައިވަނީ ވޯޓާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތައް މައްސަލައިގެ ގޮތުގައި ނޯޓް ކޮށްފައިވަނީ ޤާނޫނީ ދެ ވަކީލުން ތިބެގެން ބަލާ މައްސަލަތަކުގެ ސާބިތު ހެކިތަކާވެސް އެކުގައި ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ބޭނުންވާނޭ ބައެއް މީހުންގެ ބަޔާންތައްވެސް ނަގާފައިވާ ކަމަށް މުނައްވަރު ވަނީ ވިދާޅުވެފަ އެވެ. ވޯޓުގައި މައްސަލަ އުޅޭތީ ނަތީޖާ ޤަބޫލު ނުކުރާކަމަށް ބުނެ އެމްޑީޕީން ނެރުނު ރިޕޯޓްގައި 148 މައްސަލައެއް ހިމަނާފައި ވެއެވެ

ނޫހަށް މައުލޫމާތު ދެއްވަމުން ޑރ މުނައްވަރު މިއަދު ވިދާޅުވީ މައްސަލަތައް ހުށަހެޅުމަށް މިހާރު ވަނީ ތައްޔާރު ވެފައި ކަމަށާއި އެކަމަކު ހުށަހަޅާނީ މިރޭ އޮންނަ އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއަށް ފަހުގައި ކަމަށެވެ

”މިރޭ އޮންނަ ޤައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާނަން އެކަން. އެމަޖިލީހުން ފާސްކޮށްފިއްޔާ މާދަމާ ހުށަހަޅާނަން ކޯޓަށް“ މުނައްވަރު ވިދާޅުވި އެވެ

ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ނަގާ ޢާއްމު ވޯޓުގެ ޤަވައިދުގެ 24 ވަނަ މާއްދާގައި ވަނީ ”މިޤަވައިދު މަނާ ކުރާ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިކަން އެނގިއްޖެ ނަމަ ނުވަތަ ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށްޓަކައި ނަގާ ޢާއްމު ސިއްރު ވޯޓު ނެގުނު ގޮތާބެހޭގޮތުން ޝަކުވާއެއް އޮތްނަމަ, ސަބަބާއި ތަފްސީލާއި ހެއްކާއެކު, ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށްޓަކައި ނަގާ ޢާއްމު ސިއްރު ވޯޓު ނަގާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް މައްސަލަ ހުށަހަޅަން ވާނެ“ ކަމަށެވެ

Report:Velidhoo Community

No comments: