Wednesday, August 22, 2007

ރައްކާތެރިކަމެއްނެތް
22/8/2007

ލާއިންސާނީ އަނިޔާވެރި ގޮތުގައި މީހުންގެ ފުރާނަ ހިފުމުގެ ޢަމަލުތައް މިފަހަކަށްއައިސް ރާއްޖޭގައި ވަނީ އިތުރު ވެފަ އެވެ. ކުރިން ހާލަކުން ފަހަރަކުނޫނީ އަޑުނީވޭ މިކަހަލަ ވާހަކަތައް މިހާރު ގިނަގިނައިން އަޑުއަހަންވަނީ ޖެހިފަ އެވެ.
އުތުރުގެ އަތޮޅެއްގެ ރަށެއްގައި އިހަށްދުވަހު ހިނގައިދިޔަ ބިދޭސީއެއްގެ މަރުގެ ޙާދިސާއަކީ އަނިޔާވެރި، ވަޙުޝީ ޢަމަލުތަކެއް އެކުލެވިފައިވާ ޙާދިސާ އެކެވެ. މީގެކުރިން މި ޙާދިސާގައި ހިނގާފައިވާ އަނިޔާވެރި ޢަމަލުތައް ރާއްޖޭގައި ހިނގައިފައިވާ ވާހަކަ ނީވެ އެވެ.
ރާއްޖޭގެ މައިގަނޑު އާމްދަނީ ލިބޭ ވަސީލަތަކީ ޓޫރިޒަމެވެ. ތަނެއްގައި ޓޫރިޒަމް ކުރިއެރުމުގެ އެއްސިފައަކީ އަމާންކަމާއި ރައްކާތެރިކަމެވެ. ރާއްޖޭގައި މިކަހަލަ ޙާދިސާތައް ހިނގުން އިތުރުވެގެންދާނަމަ މިސިފަ ރާއްޖެއިން ނެތިދާނެ އެވެ.
މިފަދަ ޢަމަލުތައް ހުއްޓުވުމަށް ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރަން ޖެހެ އެވެ. މިކަހަލަ ޢަމަލުތައް ހިންގާ ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފުވެރި ޝަރީޢަތެއްގެމަތިން އަދަބު ދެވެން ޖެހެ އެވެ. ތަޙުޤީޤުކޮށް އެބަޔަކު ހޯދައި ޝަރީޢަތްކޮށް އަދަބު ދެވެން ޖެހެ އެވެ.
މިފަދަ ބޮޑެތި ޙާދިސާތައް ހިނގުމަށް މެދުވެރިވަނީ ރާއްޖޭގައި ހިނގައިދާ އަތް އިސްކުރުމުގެ ކުދިކުދި ކަންތައްތަކަށް އަޅައިނުލެވި ދޫކޮށްލެވުން ގިނަވަމުން އައުމުގެ ސަބަބުން ނެވެ. އަދިވެސް ކުރަންއޮތް ކަމަކީ ޤާނޫނާއި ޤަވާޢިދު ތަންފީޒު ވެވުމެވެ. ދަސްކޮށްދޭންވީ އަތްއިސްނުކޮށް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކަންކަން ޙައްލު ކުރުމެވެ.

Report: Velidhoo Community

No comments: