Thursday, August 23, 2007


މީރުވަސްދުވާ ސެންޓާއި ހުވަނދު

އައިމިނަތު މިނީޝާ ު

ހުވަނދު އެންމެ ފުރަތަމަ ބޭނުން ކުރަން ފެށުނު ކަމަށް ތާރީޚުން ފެންނަނީ. ދީނީ ކަމެއްގެ ގޮތުގައި މިސްރުމީހުންގެ ފަރާތުންނެވެ. ހުވަނދު ބޭނުން ކުރަން ފުރަތަމަ ފެށުނީ ދުންދަނޑީގައާއި ގައިގައި ލުމަށެވެ. ގައިގައި ހުވަނދު ބޭނުން ކުރަނީ ބޭސްވެރިކަމުގެ ގޮތުންނާއި މީރުވަސް ދުއްވުމަށެވެ. މި ސަގާފަތް ގްރީކާއި ރޯމަށްފެތުރުނު ފަހުން މި ސަގާފަތް ދެމެހެއްޓިބަޔަކީ އިސްލާމި ގައުމުތަކެވެ. ނަމަވެސް ނަޞާރާ ދީން ފެތުރުނުފަހުން ހުވަނދުލުމުގެ ސަގާފަތަށް ހީނަރުކަމެއް ލިބިގެން ދިޔައެވެ

މީގެ ފަހުން ސެންޓް ނުވަތަ ހުވަނދު އުފެއްދުމުގެ ވިޔަފާރި ކުރިއަށް ޖެހެން ފެށީ 18 ވަނަ ޤަރުނުގެ ތެރޭގައެވެ

މީރުވަސްދުވާ ހުވަނދާއި ސެންޓަކީ ހުރިހާ ޒަމާނެއްގައިވެސް އަގު ބޮޑު ތަކެތި ކަމުގައި ބެލެވިފައިވާ ތަކެއްޗެވެ

ނަމަވެސް ކިރިޔާ ފޯރުންތެރިކަމެއް ހުންނަ މީހަކު ނަމަވެސް ހުވަނދު ބޭނުންކުރަނީ, އެ ބޭނުންކުރާ ފަރާތަށާއި އެ ބޭނުންކުރާ މީހުންގެ ކައިރީގައި އުޅޭ މީހުންނަށްވެސް އެއިން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިދޭ ކަމެއްކަމުގައި ވާތީއެވެ. ހުވަނދަކީ އިންސާނުންގެ ހިއްސުތަކަށް ސީދާ އަދި އަވަހަށް އަސަރު ކުރުވާ އޭގެ ސަބަބުން މީހާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް ގެނުވާ އެއްޗެކެވެ. އެހެންކަމުން ސެންޓް ގަތުމުގައި ވިސްނަންވީ ވަރަށް މުހިއްމު ބައެއް ކަންކަމަށް ބަލާލުން ބުއްދިވެރިކަމުގައި ފެނެއެވެ

ތަފާތު ވަސްދުވާ ސެންޓް ތަފާތު މީހުންގެގައިގައި ބޭނުން ކުރުމުން އެވަހަށް ބަދަލު އާދެއެވެ. ސަބަބަކީ ކޮންމެ މީހެއްގެ ހަށިގަނޑުގައިވެސް އެމީހަކަށް ހާއްސަވަހެއް ހުރެއެވެ. އިންސާނުންގެ ޖީންއާއި, ހަމުގެ ވައްތަރާއި އިސްތަށިގަނޑުގެ ކުލައާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިރިއުޅޭ މާހައުލުގެ ސަބަބުން މިވަސް ތަފާތުވެއެވެ. އެހެންކަމުން ސެންޓް ގަތުމުގެ ކުރިން އަމިއްލަހަމުގައި ބޭނުންކޮށްލުމަށްފަހު ގަތުން ބުއްދިވެރިއެވެ. ސަބަބަކީ އެހެންމީހަކު ޖެހީމާ މީރުވަސްދުވާ ސެންޓެއް ތިމާޖެހުމުން ވަހަށް ބަދަލެއް އަތުވެދާނެއެވެ. ވަސްދުވުމުގެ ހިއްސަކީ އުމުރާއި އެކު ހީނަރުވަމުންދާ އެއްޗެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން އުމުރުން ދުވަސްވީމީހުން ބޭނުންވާ ވަރަށްވުރެ އިތުރަށް ސެންޓް ބޭނުންކުރާތަން އާދެއެވެ. އެއީ އެމީހުންގެ ވަސްބެލުމުގެ ހިއްސު ދަށްވެފައިވުމުންނެވެ. އާއްމުކޮށް ސެންޓްގެ ވަސް ދެމިހުންނަނީ 4 ވަރަކަށް ގަޑިއިރުއެވެ. ބައެއް ސެންޓްގެ ވަސް މުޅި ދުވަހުވެސް ހުރެއެވެ, ނަމަވެސް ގިނަ ސެންޓް ދުވާލު ދެފަހަރު އަލުން ބޭނުން ކުރަންޖެހެއެވެ

ހަށިގަނޑުގައި ގިނަ ވަގުތު ވަސް ބެހެއްޓުމަށްޓަކައި މުޅި ހަށިގަނޑުގަށް ސެންޓް ޖަހަން ޖެހެއެވެ. ހަމައެކަނި ކަރުގައި ނުވަތަ ކަންފަތުގެ ބޭރުގައި ސެންޓް ބޭނުން ކުރުމުން އޭގެ ވަސް ވަރަށް އަވަހަށް ފިލާގޮތްވެއެވެ. ގިނަވަގުތު ސެންޓްގެ ވަސް ހަށިގަނޑުގައި ބެހެއްޓުމުގައި ހަމުގެ ބާވަތް ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ. ހިކި ހަމުގައި ސެންޓްގެ ވަސް ދެމިހުންނަ އިރަށް ވުރެ ތެޔޮ ހަމުގައި ތެޔޮ ހަމުގައި ވަސް ދެމިހުންނަ ވަގުތު ގިނައެވެ

އިސްތަށިގަނޑުގައި ގިނަވަގުތު ސެންޓްގެ ވަސް ދެމެހެއްޓުމަށްޓަކައި އިސްތަށިގަނޑު ދޮވުމަށްފަހު ތުވާލިން ހިއްކާލާފައި އިސްތަށިގަނޑުގައި ސެންޓް އުނގުޅާށެވެ. ގޭތެރޭގައި މީރުވަސް ދުއްވުމަށްޓަކައި ބޮކީ ނުވަތަ ހޮޅިބުރީގެ ބޭރުގައި މީރުވަސްދުވާ ތެޔޮ އުނގުޅާށެވެ. ބޮކިދިއްލާ އަލިވުމުން އެއިން އުފައްދާ ހޫނުގެ ސަބަބުން މީރުވަސް ފެތުރޭނެއެވެ. ސެންޓް ހުސްކުރާ ފުޅިތައްވެސް އަލަމާރި ތެރޭގައި ބަހައްޓާށެވެ. އެއިން މީރުވަސް ދުވުން ހުއްޓުމުން ނޫނީ އެއްލާ ނުލާށެވެ

ގޭތެރޭގައި އަޅާފައި އޮންނަ ދޫލަ ނުވަތަ ފައިފުހީގެ ދަށުގައި ކޮލޯން އުނގުޅާށެވެ. ހުސްގަނޑެއް ސެންޓުން ތެންމާލުމަށްފަހު ރީތިކޮށް ހިއްކާށެވެ. އޮފީހުގައި ބޭނުން ކުރާ ފައިލްގެ ތެރޭގައި މި ގަނޑު ބޭއްވުމުން އޮފީހުގައި ނުވަތަ ގޭގައި ބޭނުން ކުރާ ލިޔެ ކިއުންތަކުން މީރުވަސްދުވާނެއެވެ. ލަކުޑިން ހަދާފައި ހުންނަ ފޮތް ހަރުގަނޑު ނުވަތަ އަލާމާރީގެ ވަތްގަނޑުތަކުގެ ދަށަށް ސެންޓް ޖަހާށެވެ, ލަކުޑީގައި ވަރަށް ގިނައިރު ވަސް ހުންނާނެއެވެ.

ހަތަރު މޫސުމް އަންނަ ގައުމުތަކުގައި ތަފާތު މޫސުމަށް ތަފާތު ސެންޓް ބޭނުންކުރެއެވެ. ނަމަވެސް ރާއްޖެފަދަ މާބޮޑުތަފާތެއް މޫސުމަށް ނާންނަ ގައުމުތަކުގައި މިކަމަށް މާބޮޑު ސަމާލުކަމެއްދޭތީކީ ނުފެނެއެވެ

Report: Soodh

Velidhoo Community

No comments: