Monday, August 20, 2007

މަރުޙަބާ! ރިޔާސީ
20/8/2007

ދިވެހި ރައްޔިތުން އެބައިމީހުންގެ ގައުމު ސިޔާސީ ޙަޔާތް ބައްޓަންކުރާނޭގޮތް ކަނޑައަޅައިފިއެވެ. ރާއްޖޭގައި އޮތުމަށް ރައްޔިތުން ބޭނުންވަނީ އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓަރ ސްޓައިލްގެ ޕާލަމެންޓަރީ ނިޒާމެއްތޯ ނުވަތަ އެމެރިކާގައި އޮންނަފަދަ ރިޔާސީ ނިޒާމެއްތޯ ބެލުމަށް ވޯޓުދީގެންނެވެ. ތާރީޚީ ނިންމުމެއް ނިންމުމަށް ދިވެހިންނުކުތް މި ތާރީޚީ ދުވަހު އެބައިމީހުންވަނީ ދިވެހީންގެ ބަސް އިއްވާފައެވެ. ޝައްކެއްވެސް ނެތްގޮތުގައި ދިވެހިން ޚިޔާރުކުރީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ނިޒާމެވެ. ރިޔާސީ ނިޒާމަކަށް ދިވެހިން އާނ ބަސް ބުނި ހިނދު އެބަހަކީ އެންމެ އިސްބަހެވެ. އެބަހުގެ މައްޗަށް އިއްވޭނެ އިތުރު އެހެން ބަހެއް މިގައުމުގައި ނެތެވެ.
ތާރީޚީ މިނިންމުމުގައި ފާހަގަ ކުރެވުނު އަނެއްކަމަކީ މިނިންމުމުގައި އެހެންޏާ ބައިވެރިނުވާ ބަޔަކު ބައިވެރިވެފައިވާ ކަމެވެ. 18 އަހަރާއި 21 އަހަރާ ދެމެދުގެ މީހުންނެވެ. ގައުމުގެ ޒުވާނުންނެވެ. މިއީ ރާއްޖޭގައި ބޭއްވެމުން އަންނަ އިންތިޚާބުތަކުގައި ކުރިން ބައިވެރިވާ ބަޔެއްނޫނެވެ.
ރާއްޖެއަށް އެންމެފައިދާހުރި ނިޒާމުގެ ގޮތުގައި ރިޔާސީ ނިޒާމު ރާއްޖޭގެ ރައްޔިތުން ބަލައިގަތްހިނދު ދިވެހި ރައްޔިތުންނަށް މަރުޙަބާ ކިޔަމެވެ. ްއިންތިޚާބެއްގެ ނަތީޖާ އަބަދުވެސް ވެގެން ދާނީ ރައްޔިތުންގެ ކާމިޔާބީ އަކަށެވެ. އަދި ވަކިން މުސްތަގުބަލް ކަނޑައަޅާ ރައްޔިތުންގެ އަމިއްލަ އިންތިޚާބެއްގައި މިނުކުތް ސާފުނަތީޖާޔަކީ އެއްވެސް ދެބަސްވުމެއް އޮންނަންޖެހޭނެ ކަމެއްނޫނެވެ. ރައްޔިތުންގެ ކުރިމައްޗަށް އައީ ދެކަމެކެވެ. ރިޔާސީ ނިޒާމް އާއި ބަރުލަމާނީ ނިޒާމްއެވެ. ހޮވުނީ ރައްޔިތުން ވޯޓު ދިން ނިޒާމެވެ. އެއީ ރިޔާސީ ނިޒާމެވެ. ކާމިޔާބު ލިބުނީ ރައްޔިތުންނަށެވެ.

Velidhoo Community
Courtesy:Aafathis

No comments: