Monday, August 27, 2007


ކޮންމެ މަގާމެއް ލިބުނަސް ފިލްމު ކުޅުން ހުއްޓައެއް ނުލާނަން

26/8/2007

ޔޫސުފް ރަފީއުއޭ ބުނުމުން ބައެއް ފަރާތްތަކަށް އެއީ ކާކުކަން ނޭގިދާނެއެވެ. އެހެންނަމަވެސް ޔޫސޭ ނުދަންނަ ކުޑަކުއްޖަކުވެސް ނުހުންނާނެއޭ ބުނުމަކީ ދޮގަކަށް ވާނެހެނެއް ހިއެއް ނުވެއެވެ. 1981 ވަނަ އަހަރު ފިލްމީދާއިރާއަށް ނުކުން ޔޫސޭ ގިނަބަޔަކަށް އެގިގެން ގޮސްފައިވަނީ ޔޫސޭ އަމިއްލައަށް ޑައިރެކްޓް ކޮށް އަދި ލީޑް ރޯލު އަދާކުރަމުން ބެލުމުންތެރިންނަށް ގެނެސް ދީފައިވާ "ދިިރިއުޅުމަކީ މިއީބާ"ގެ އެޕިސޯޑްތަކުންނެވެ. މިހާތަނަށް ދިރިއުޅުމަކީ މިއީބާގެ 73 އެޕިސޯޑް ބެލުންތެރިންނަށް ގެނެސްދީފައިވާ ޔޫސޭ އެ މާކެޓަށް ނެރުމާ އެކު ދޫކޮށެއް ނުލައެވެ. ކޮތަޅަށް އަޅައިގެން ވިއްކަންވެސް ދެއެވެ. މިހާތަނަށް އެގާރަ ފިލްމާއި 60 ހައްވުރެން ގިނަ ލަވަ ކުޅެފައިވާ މި ފަންނާނުގެ ލަވަތަކަކީ މިއަދުގެ ތަހުޒީބީ ޒަމާނުގައިވެސް ވަރަށް ބޮޑު މަގްބޫލުކަން ހޯދާފައިވާ ލަވަތަކެކެވެ.
ޔޫސޭ އެންމެ ބޮޑަށް މަސްހޫރު ވެގެން ގޮސްފައިވާ ދިރިއުޅުމަކި މީބާ ކޮންސެޕްޓް ހެދުމުގެ އިތުރުން ޔޫސޭ ފިލްމީ ދާއިރާއަށް ނެރުނީ އަޙްމަދު ވަހީދު އަލީ (މަޑުލު) ކަމަށް އޭނާ ބުނެއެވެ. ސްކޫލް ނިންމުމަށްފަހު ހަގު ޓީވީގެ ޕްރޮޑިއުސަރެއްގެ ވަޒީފާއަށް ވަންއިރު އެއީ ކިހިނެއް ކުރާ ކަމެއް ކަންވެސް ޔޫސޭއަކަށް ނޭގެއެވެ. ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރީގެ މަސައްކަތް ކުރާ އާއިލާއެއްގެ މެންބަރެއް ކަމަށްވާ ޔޫސޭ ބުނާގޮތުގައި ދުވަހަކުވެސް އޭނާ ފިލްމީ ދާއިރާއަކާ ދުރަކަށް ނުދާނެއެވެ. ސަބަބެއް ކަމަށް އޭނާ ބުނަނި އާމުން އޭނާއަށް ދޭ ތަރުހީބެވެ.
ޔޫސޭގެ އަންހެނުން ޝަކީލާއާއި ކައިވެނީގެ ގޮތުން ގުޅުނުތާ ތިން މަސްދުވަސް ވެސް ނުވަނީސް ދޮން ސަންޕަ ކިޔާ ފިލްމަކުން ފުރަތަމަ ބެލުންތެރިންނަށް ޔޫސޭގެ ކުޅަދާނަ އެކްޓް ފެނުނުއިރު ޔޫސޭގެ ހަޔާތުގައި އުފައްދާފައިވާ އެންމެ ކާމިޔާބު ފިލްމަކީ ހައްޤު ކަމަށް ޔޫސޭ ބުނެއެވެ.
"ހައްޤަކީ އަހަރެންނަށް އެންމެ ގިނަ ކާމިޔާބުތައް ލިބުނު ފިލްމު. އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް." ޔޫސޭ އަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމާ ބެހޭގޮތުން ބުންޏެވެ. އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް ޔޫސޭ އެންމެ ބޮޑު އުފަލެއް ލިބުނީ އަލްމަރުހޫމް ނައިފަރު ދޮހޮއްކޮ އަށް ގަރުނުގެ ޝަޚުސިއްޔަތުގެ އެވޯޑް ލިބުމުން އަޑު އިވުނު ލަވަ ކަމަށްވާ ބަޓަރު ޖެހި ޕާނާގެ އަޑު އިވުމުން ކަމަށް ޔޫސޭ ބުނެއެވެ. ނައިފަރު ދޮހޮއްކޮ ކިޔާފައިވާ މިލަވައަކީ ޔޫސޭ އެކްޓް ކޮށްފައިވާ ލަވައެކެވެ.
އާންމުންގެ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޔޫސޭ ރާއްޖޭގައި މިހާތަނަށް މިއޮތް ސިޔާސީ ފޯރީގައި މިދާއިރާ ދޫކޮށްލަފާނެތޯ އެހުމުން ބުނީ ކޮންމެފަދަ މަގާމެއް ލިބުނު ނަމަވެސް އަބަދުވެސް ފިލްމީ ދާއިރާއިން ބެލުންތެރިންނާ ބައްދަލު ކުރާނޭ ކަމަށެވެ.
"ތިއީ ވަރަށް ދެރަވާ މައްސަލަައެއް. ސިޔާސީ އޮއިވަރު ވަދެގެން ފިލްމީދާއިރާ މިހާރު މިވަނީ ވަރަށް އެހެން ކަހަލަ އަނދަވަޅެއްގައި. ފިލްމީ ދާއިރާގެ އެންމެން ކައިރީވެސް އަހަރެން ބުނަން ބޭނުމީ މިއީ ދުރުވާން އޮތް ބައެއް ބުނޭ. ސިޔާސި ކަންތައްތައް އެއްފަރާތްކޮށް ހުރިހާ އެންމެންވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަށް އަހަރެން ގޮވާލަން. ހަމަ ޔަގީނުންވެސް އަހަރެންގެ ސަޕޯޓަރުންނަށް ބުނެދޭން ބޭނުމީ ތިޔަ ބޭފުޅުންގެ ޔޫސޭ އަބަދުވެސް ފެންނާނެއޭ" ޔޫސޭގެ އެންމެ ފަހުގެ ނިންމުން ސަޕޯޓަރުންނަށް އޮޅުންފިލުވައި ދިނެވެ.

Report: Velidhoo Community

No comments: