ރާއްޖެއަކީ ޓެރަރިސްޓުންގެ މަރުކަޒެއްކަމަށް އިންޑިޔާގެ މީޑިއާއިން ފަތުރަމުންދާ މައުލޫމާތުތައް އިންޑިޔާ ސަރުކާރުން ދޮގުކޮށްފި
އިންޑިޔާއަށް މިދިޔަ ހޮނިހިރު ދުވަހު ދީފައިވާ ބޮމުގެ ހަމަލާތަކާއި ރާއްޖެއާ ގުޅުމެއްވާ ކަމަށް އިންޓަލިޖެންސާ ހަވާލާދީ ބުނެ ރާއްޖެއަކީ ޓެރަރިސްޓް މަރުކަޒެއްކަމަށް އިންޑިޔާގެ މީޑިޔާއިން ބުނަމުންދާ ބުނުންތައް އިންޑިޔާ ސަރުކާރުން ދޮގުކޮށްފިއެވެ
އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅަފައި ހުންނަ ހައިކޮމިޝަނަރ އޭކޭ. ޕާންޑޭ ވިދާޅުވީ އެއްވެސް ޒިންމާދާރުކަމެއް ނެތި އިންޑިޔާގެ މީޑިޔާތަކުން ފަތުރަމުންދާ ހަބަރު ތަކާއި ހިލާފަށް ބޮންގޮއްވާފައިވާ އެއްވެސް ސަރަހައްދަކުން ރާއްޖެއާ އެކަމާ ގުޅުމެއްވާކަމަށް ފެނިފައިނުވާ ކަމަށެވެ
” މިކަހަލަ ރިޕޯޓްތަކަކީ މުޅިން ކަންހިނގާފައިވާ ގޮތާއި ހިލާފަށް އަދި އެތަނުން ފެންނަމުންދާ ހެކިތަކާ ވެސް ހިލާފަށް ދެކެވޭ ވާހަކަތަކެއް. އަދި ސަރުކާރުން އެކަން ގަބޫލު ނުކުރަން. މީގެ އިތުރަށް މިގޮތަށް މައުލޫމާތު ފަތުރާ ފަރާތްތައް ކުށްވެރި ވެސް ކުރަން“ އިންޑިޔާގެ ހައިކޮމިޝަނަރ އޭކޭ. ޕާންޑޭ ވިދާޅުވި އެވެ
އިންޑިޔާގެ އިސް އޮފިޝަލުންނާއި ހަވާލާދީ އެތަނުގެ ނޫސްތަކުގައި ބުނަމުންދަނީ މިހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތައް ދަތުރުކޮށްފައިވަނީ ރާއްޖޭގެ ވައިގެ މަގު ބޭނުންކޮށްގެން ކަމަށެވެ. މީގެ އިތުރަށް އަންދަރަ ޕްރެދޭޝްގެ ޗީފް މިނިސްޓަރ ވައިއެސް. ރާޖޭސްހަރު ވިދާޅުވީ އިންޑިޔާއަށް ދިން ބޮމުގެ ހަމަލާއާއި ޕާކިސްތާނާއި ބަންގްލަދޭޝްގައި އުޅޭ ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުމެއް ވާކަމަށެވެ
އިންޑިޔާގެ ހައިކޮމިޝަނަރު ވިދާޅުވީ ރާއްޖެ މަގުން ޓެރަރިސްޓުން ދަތުރުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ގަބޫލުފުޅު ކުރައްވާކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ މިހާރު ހާލަތު ހުރިގޮތުން ޓެރަރިސްޓުންގެ މަރުކަޒުތަކެއް ރާއްޖޭގައި ނުހުންނާނެ ކަމަށެވެ
” އަޅުގަނޑު ވެސް ގަބޫލުކުރަން ރާއްޖޭމަގުން އެމީހުން ދަތުރުކޮށްފާނެ ކަމަށް. އެކަމަކު މިއީ ޓެރަރިސްޓުންގެ މަރުކަޒެއް ކަމަށް މިހާރުގެ ހާލަތަށް ބަލާއިރުން ރާއްޖެއިން ފެންނަން ނެތް“ ޕާންޑޭ ވިދާޅުވި އެވެ
މިކަމާ ގުޅިގެން އިންޑިޔާގެ މީޑިޔާ ރިޕޯޓްގައި ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަމަޅަ ޓައިގަރުން އެމީހުންގެ ހަތިޔާރާއި ޑްރަގާއި އަދި ފާރަވެރިން އުފުލުމުގައި ބޭނުންކުރަމުންދާކަމަށެވެ. މިއަހަރު ތެރޭގައި ތަމަޅައިންގެ ބޯޓެއް ރާއްޖެއިން ފެނިފައިވުމުން މިކަމަށް އިތުރަށް ބާރު ލިބިގެން ދެއެވެ
އިންޑިޔާގެ ހައިދަރއާބާދަށް މިދިޔަ ހޮނިހިރުދުވަހު ދިން ބޮމުގެ ހަމަލާއެއްގައި ވަނީ 50 އަށްވުރެ ގިނަ މީހުން މަރުވެ 100 އަށްވުރެ ގިނަމީހުންނަށް އެކިކަހަލަ އަނިޔާ ލިބިފައެވެ
މިކަމާ ގުޅިގެން އައިބީއެން ޓީވީއަށް އިންޑިޔާގެ މުސްލިމް ޕާޓީއަކުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިފަދައިން ދޭ ހަމަލާތައް އިސްލާމުންނާ ގުޅުވެން ނެތް ކަމަށައި އެފަދަކަންތައް ކުރަނީ މުސްލިމުންނެއް އަދި ހިންދޫބައެއްވެސް ނޫންކަމަށް އެފަރާތްތުން ބުނެއެވެ. ” މިފަދަ ހަމަލާތައްދޭ މީހުން ވަކި ދީނަކާއި ނުގުޅުވޭނެ. އެފަދަ މީހުންގެ ތެރޭގައި ހިމެނިދާނެ މުސްލިމުންވެސް އަދި ހިންދޫންވެސް“ އޯލް އިންޑިޔާ އިއްތިހާދުލް މުސްލިމީންގެ މެމްބަރެއްކަމަށްވާ އަސަދުއްދީން ވިދާޅުވެފައިވެއެވެ
Report: Velidhoo Community
No comments:
Post a Comment