Saturday, August 25, 2007

ދީނީ ޕްރޮގްރާމްތަކުގެ ޕްރޮޑިއުސަރު
25/8/2007

ދީނީ ޕްރޮގްރާމްތަކުން އަޅުގަނޑުމެނަށް އެންމެ ގިނައިން އިވޭ އެއްއަޑަކީ އައްޝައިޚު ޢަބުދުލް ޢަޒީޒު ހުޞައިންގެ އަޑެވެ. ޢަޒީގެ އަޑު އިވެން ފަށައިފައިވަނީ މީގެ ފަސްވަރަކަށް އަހަރު ކުރިންނެވެ. ގިނަ ބަޔަކު ދަންނަ މަޤުބޫލު އަޑަކަށް އަޒީގެ އަޑުވެގެން ދިޔައީ ދިވެހި ރާއްޖޭގެ އަޑުން ރަމަޟާން މަހާ ދިމާކޮށް ފޮނުވަން ފެށި ތުއްތު ކުދިންގެ ޤުރުއާން މުބާރާތް ހުށަހަޅައި ދެއްވުމުގައި އޭނާ ގެއްގުޅުއްވި ހުނަރުންނެވެ.
ޢަޒީ ވިދާޅުވީ ޤުރުއާން މުބާރާތް ހުށަހަޅައި ދެއްވެވި ގޮތް ވަރަށް ގިނަ ބަޔަކަށް ކަމުގޮސްގެން އެވާހަކަ ހުދު އޭނާގެ ގާތުގައިވެސް ދައްކަވައިފައި ވާކަމުގައެވެ.
ޢަޒީގެ އަޑު ފުރަތަމަ އިވިގެން ދިޔައީ އެފްއެމްއިން ފޮނުވަމުން ގެންދެވި "ދީނުގެ އަޑު" ޕްރޮގްރާމުންނެވެ. ނަމަވެސް އޭރު އެފްއެމް، ކަވަރ ކުރަނީ ހަމަައެކަނި މާލެއާއި މާލެ ކައިރި ސަރަޙައްދުތައްކަމަށް ވާތީ މުޅި ރާއްޖެއަށް "ދީނުގެ އަޑު" ފެތުރިގެންނެއް ނުދެއެވެ.
އަޒީ ދިވެހި ރާއްޖޭގެ އަޑުން ފޮނުވާ ދީނީ ޕްރޮގްރާމްތަކާ ބެހޭ ޑިޕާޓްމަންޓްގެ ހެޑެވެ. އެހެންކަމުން އަޑުން ފޮނުވާ ދީނީ ޕްރޮގްރާމްތަކަކީ ޢަޒީގެ މޭސްތިރިކަމުގެ ދަށުން ފޮނުއްވަމުން ގެންދަވާ ޕްރޮގްރާމް ތަކެކޭ ދެންނެވިދާނެއެވެ.
އަޒީގެ އަޑު އިވެނީ ހަމައެކަނި އަޑަކުންނެއް ނޫނެވެ. ޓެލެވިޒަން މޯލްޑިވްސް އިން ފޮނުވާ ބައެއް ދީނީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ގިނައިން އަޅުގަނޑުމެންނަށް ފެންނަ އެއް މޫނަކަށް ޢަޒީކަމުގައި ވާނެއެވެ. ދީނީ ހޭލުންތެރިކަން އުފެއްދެވުމަށް ޢަޒީ ހުށަހަޅައިދެއްވާ ނުވަތަ އުފައްދަވާ ޕްރޮގްރާމަކީ ވެސް އެނާ އެކަމަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމް ތަކެކެވެ.
މިހާރު ޢަޒީ ތައްޔާރު ކުރައްވަމުން ގެންދަވާ ޕްރޮގްރާމްތަކުގެ ތެރެއިން އެހުންތެރިންގެ އެންމެ ބޮޑު ތަރުހީބެއް ލިބެމުން ދަނީ "ޤުރުއާނާއި ސައިންސް" އަށޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ޢަޒީ ވިދާޅުވި ގޮތުގައި މީހުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށް ދެއްވުމަށް ޤުރުއާންގެ އަލީގައި ސައިންސް ހޯދައިފައިވާ ކަންކަން އޮޅުން ފިލުިވައި ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
"މީހުންނަށް ހީވެފައި އޮންނަނީ ދީނީ ވާހަކައެއް ދައްކަންޏާ ޤުރުއާންގެ އާޔަތްތައް ކިޔައިފައި މާނައޭ ކިޔާނީ. ޤުރުއާންގެ އާޔަތްތަކާއި މާނަވެސް ކިޔަން ޖެހޭނެ. ކީރިތި ޤުރުއާނަކީ މުޢުޖިޒާތެއް. އެ ހާމަކުރުމަކީ އެކަން އެނގޭބަޔަކު ކުރަން ޖެހޭނެކަމެއް. މިހާރު ސައިންސް ހޯދައިފައިވާ ކަންތައްތަކަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ކީރިތި ޤުރުއާންގައި އެކަންކަން ބަޔާންކުރައްވައިފައިވާކަންކަން. އަޅުގަނޑުމެންނަށް އަދި މިހޯދުނީ އޭގެ ވަރަށް ކުޑަ މިންވަރެއް. ޤުރުއާންގެ އަލީގައި ސައިންސްގެ އެތައް ކަންތައްތަކެއް އަޅުގަނޑު މެންނަށް ހޯދިދާނެ." ޢަޒީ ވިދާޅުވިއެވެ.
އަޒީގެ ޕްރޮގްރާމް ތަކުގެ ތެރެއިން މިހާރު އަޑުން ފޮނުވަމުން ގެންދަވާ އަނެއް ޕްރޮގްރާމަކީ "އުޖާލާ ރާސްތާ" އެވެ. މިއީ ކުޑަކުދިންނަށް އަމާޒުކޮށްގެން ފޮނުވާ ޕްރޮގްރާމެކެވެ. ދީނީ ޕްރޮގްރާމްތައް ތައްޔާރުކޮށް ހުށަހަޅައިދެއްވުމުގައި ވަރަށް ބޮޑަށް އެހުންތެރިންގެ ސަމާލުކަން ދަމައިގަންނަ ގޮތަށް ގެންދެވުމަށް ޢަޒީ މަސައްކަތް ކުރައްވާކަން ފާހަގަ ކުރެވެއެވެ. އަޒީގެ މިހުނަރަކީ ކިހިނެއް ލިބިފައިވާ ކަމެއްތޯ ދަންނަވާލުމުން ވިދާޅުވީ އެއީ އޭނާ ކިޔާވާ ވިދާޅުވި ދާއިރާކަމުގައެވެ.
ޢަޒީ އަކީ ސަޢުދީ ޢަރަބިއްޔާގެ އިމާމް ޔުނިވަރސިޓީން އިސްލާމީ ދަޢުވާ ނުވަތަ ދީން ފެތުރުމުގައި މީހުންނާ މުޢާމަލާތު ކުރުމުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިިލް ކުރައްވައިފާ ބޭފުޅެކެވެ. މިއީ އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވަރަށް ބޭނުންތެރި ދާއިރާއެއްކަން ކަށަވަރެވެ. ނަމަވެސް އެކަމުގެ ފައިދާ އަޅުގަނޑުމެންނަށް ލިބިގެންދާނީ ޢަޒީ ފޮނުއްވަމުން ގެންދަވާ ފަދަ ދީނީ ޕްރްގްރާމްތައް އަޑުއަހައި އެއިން އަޅުގަނޑުމެން ފައިދާ ލިބިގަތުމުންނެވެ.

Report: Velidhoo Community

No comments: