Sunday, August 19, 2007

ބަލި ޤަބޫލު ކުރުމަށް ބޭނުން ނުވެ¡ ހަމަނުޖެހުން ހިންގައިގެން ވޯޓު ލުން ހުއްޓުވުމަށް އެމް.ޑީ.ޕީން މަސައްކަތްފަށައިފި
18 އޯގަސްޓް 2007
ރާއްޖޭގައި އޮންނަން ވީ ވެރިކަމުން ނިޒާމެއް ޚިޔާރުކުރުމަށް ޓަކައި ރާއްޖޭގައި މިއަދު ލަމުންދާ ވޯޓުގައި ބަލި ޤަބޫލު ކުރުމަށް ބޭނުންނުވެގެން ވޯޓް ފޮށިތައް ދޮށުގައި ހަމަނުޖެހުން ހިންގާ¡ މީހުންނަށް ބިރުދެއްކުމުގެ މަސައްކަތް ވަރަށް ހަލުއި ކަމާ ކާމިޔާބުކަމާއެކު ހިންގަމުން އެބަގެންދެއެވެ.
ކެމްޕެއިންގެ މަސައްކަތް ފެށުނީއްސުރެ ރާއްޖޭގެ ހަތަރު ކަންކޮޅުގައި ވެސް ތާއީދު ބޮޑީ ރިޔާސީ ނިޒާމަށްކަން ވަނީ ހާމަކަންމަތީގައި ކަށަވަރުކުރެވިފައެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޕާޓީއާއި¡ ޢަދާލަތާއި އައިޑީޕީއާއި އަދި ސޯޝަލް ޑިމޮކްރަޓިކް ޕާޓީއިން ތާއީދުކުރަނީ ރިޔާސީ ނިޒާމަށް ކަން ހާމަ ކުރުމާ ގުޅިގެން އެމް.ޑީ.ޕީ.އިން ގެންދިޔައީ ބަލިޤަބޫލް ނުކުރުމަށް ރޭވުންތައް ރާވަމުންނެވެ.

މީގެ އިތުރުން ދިވެހިންނަކީ އަބަދުވެސް ސިޔާސީ ގޮތުން ހޭލުންތެރި ބައެއްކަމުން¡ ރާއްޖޭގެ މުސްތަޤްބަލަށް ޓަކައި¡ މާދަމާގެ ދިވެހިންނަށް ޓަކައި ރަނގަޅީ ރިޔާސީ ނިޒާމެއްކަން ހުރިހާ ދިވެހިންމެ ވަނީ ދެނެގަންފައެވެ. ދިވެހިންނާ ބެހޭ ނިންމުންތައް ނިންމާނީ ދިވެހިން އެކަމަށް ހޮވާ ފަރާތަކުން ކަން ހެދުމަށްޓަކައި ހުރިހާ ދިވެހިންމެ ތިބީ އަތުކުރި އޮޅާލައިގެންނެވެ. ރާއްޖޭގައި އޮންނާނީ ވަކި ކުރެވިފައިވާ ތިން ބާރުކަން ހަމަޖެއްސުމަށްޓަކައި ދިވެހިން ތިބީ އެކައްޗަކަށް ވެގެންނެވެ.

ތެދު ޤަބޫލު ކުރާ ކޮންމެ ފަރާތަކުންމެ މިގޮތް ޤަބޫލުކުރަތެވެ. ނަމަވެސް¡ ވަކި ޕާޓީއަކުން ރިޔާސީ ނިޒާމަށް ތާއީދު ކުރިޔަތީ އެކަމާ ދެކޮޅަށް ނުކުތުމަކީ ކޮންމެހެން ކުރަން ބޭނުންކަމަކަށް ވެއްޖެއެވެ. އަދި މިވޯޓަކީ މައުމޫނު ސަރުކާރާ އިދިކޮޅަށް ނަގާ ރެފެރެންޑަމަކަށް ހެދުމަށްޓަކައި އެމް.ޑީ.ޕީ.އިން ގެންދިޔައީ ފާޅުގައި މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ގިނަ ދިވެހިންނަކީ މިކަހަލަ މަކަރުގެ ދަލެއްގައި ޖެހޭނޭ ބަޔެއް ނޫނެވެ. ތެދާ ދޮގު ވަކި ކުރުމުގެ ޤާބިލުކަން ދިވެހިންނަށް ލިބިފައިވުމުގެ ސަބަބުން ރާއްޖޭއަށް ރަނގަޅީ ރިޔާސީ ނިޒާމެއްކަން ޔަގީންކޮށް¡ ރިޔާސީ ނިޒާމަށް ކާމިޔާބު ހޯދުމަށްޓަކައި ގެންދިޔައީ މަސައްކަތްކުރަމުންނެވެ.

ޙަޤީޤަތުގައި އެމް.ޑީ.ޕީ.ގެ ރިޔާސަތުންވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ. އެޕާޓީގެ ރައީސާއި ހުސްނު ސޫދުމެން ބޭފުޅުން ރިޔާސީ ނިޒާމަށް ތާއީދު ކުރައްވަނީ އެކަންޏެއްނޫނެވެ. ރިޔާސީ ނިޒާމަށް ތާއީދުކޮށް ލިޔުންތައް ލިޔެ ޝާޢިޢުކޮށްފައިވެސް ވެއެވެ.

މިކަންތައްތައް ހުރިގޮތުން މިވޯޓުގައި އެމް.ޑީ.ޕީ.އާއި އެމީހުން ތާއީދުކުރާ ނިޒާމު ބަލިވާނެކަން ވަރަށްކުރިއްސުރެ ޔަގީންކޮށް¡ ބަރުލާމާނީ ނިޒާމު ބަލިވާނެ ނަތީޖާއެއް ޤަބޫލު ނުކުރުމަށްޓަކައި ކެމްޕެއިން ސްޓްރެޓަޖީއެއް ވަނީ ރާވާފައެވެ. މިގޮތުން ނަތީޖާއަށް ދިއުން މަނާ ކުރުމަށް ވިސްނާ ވޯޓް ލާން އަންނަ ފަރާތްތަކަށް ބިރުދައްކާ ހުރަސްއަޅައި އަދި ކަނޑައެޅިގެން އަނިޔާ ކުރަން ވަނީ ރާވާފައެވެ.
މިއަދު ވޯޓް ލާން ހަމަފެށުމާއެކު ރިޔާސީ ނިޒާމަށް ތާއީދު ކުރާ ފަރާތްތަކުން ވޯޓުގައި ބައިވެރިވުމަށް ޓަކައި ނުކުތްލެއް ފުރިހަމަ ކަމުން އެމް.ޑީ.ޕީ.އަށް ވޯޓް ގެއްލޭނެ ކަން ވަރަށް ހެނދުނާ ޔަގީންކުރެވިއްޖެއެވެ. އެހެންކަމުން ވޯޓް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެބައިމީހުން ފެށިއެވެ. މިގޮތުން ވޯޓް ފޮށިދަށަށް މީހުންފޮނުވާ ވޯޓްލަންއަންނަ ފަރާތްތަކަށް ހުރަސްއަޅައި އަނިޔާ ކުރަން ފަށައިފިއެވެ. މިގޮތުން އަންހެނުންގައިގާ ތަޅާ¡ ފިރިހެނުންގެ އަގަމަތި ފަޅާލާ¡ ޖުމްލަކޮށް ވޯޓް ނެގިޔެ ނުދިނުމަށްޓަކައި ތަކުރާރުކޮށް މަސައްކަތް ކުރަން ފަށައިފިއެވެ.
އެހެންކަމުން އެމް.ޑީ.ޕީ.މިހާރު މިވަނީ ބަލިޤަބޫލުކޮށްފައެވެ. އަދި ބަލި ވާނެކަން ޤަބޫލުކޮށް ވޯޓް ހުއްޓުވުމަށްޓަކައި ކުރަން ހުރި ހުރިހާ މަސައްކަތެއް މިވަނީ ފަށާފައެވެ. ނަމަވެސް އަދި މިގޮތުން ވޯޓް ހުއްޓުވޭނެ ކަމަކަށް ނުފެނެއެވެ. މިރޭގެ ކޮންމެވެސް ވަގުތެއްގައި ނަތީޖާ އިޢްލާކު ކުރާއިރު ރިޔާސީ ނިޒާމަށް ވަރަށް ފުރިހަމަ ކާމިޔާބެއް ލިބޭނޭ ކަން މިވަނީ ޔަގީންވެފައެވެ

Report: Soodh
DRP

No comments: