Saturday, August 18, 2007

އައްޑޫގައި "ރިޔާސީ ނިޒާމް" ޕްރޮމޯޓް ކުރެއްވުމަށް ޕާޓީން ޖަލްސާއެއް ބާއްވަވައިފި


16 އޯގަސްޓް 2007

އައްޑުއަތޮޅު ހިތަދޫގައި ތިއްބެވި ދިވެހި ރައްޔިތުންގެ ޕާޓީގެ މެންބަރުންނާއި ހެޔޮ އެދިވަޑައިގަންނަވާ މެންބަރުންނަށް ދަޢުވަތުދެއްވައިގެން ރިޔާސީ ނިޒާމް ޕްރޮމޯޓް ކުރެއްވުމަށް ރޭ 9:00 ގައި އައްޑުއަތޮޅު ހިތަދޫގައި ރިޔާސީ ނިޒާމުގެ ވަރަށް ކާމިޔާބު ބައްދަލުވުމެއް ބޭއްވިއްޖެއެވެ. ޕާޓީގެ ކައުންސިލްގެ ދެ މެންބަރުން ކަމުގައިވާ އަލްއުސްތާޛު މުޙައްމަދު ނަޝީދުއާއި އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީގެ ގެ ބެއްލެވުމުގެ ދަށުން މި ޖަލްސާ އިންތިޒާމް ކުރެއްވީ އައްޑޫ ހޭވައްލާގެ ޑީއާރުޕީގެ ބާނީ އަލްފާޟިލް ޙުސައިން ޞާލިޙްއާއި އެކްޓިވިސްޓުންނެވެ. މި މުހިންމު ޖަލްސާގައި ރިޔާސީ ނިޒާމުގެ ބޭނުންތެރިކަމާއި އަދި ރާއްޖެއަށް އެނިޒާމް ކަމުދަނީ ކީއްވެކަން ބަޔާން ކޮށްދެއްވުމަށް އަލްއުސްތާޛު މުޙައްމަދު ނަޝީދު ވަނީ ވަރަށް ފުރިހަމަ ވާހަކަ ފުޅުތަކެއް މެންބަރުންނާއި މުޙާތަބްކޮށް ވިދާޅުވެ ދެއްވާފައެވެ


އައްޑުއަތޮޅަކީ ބަރުލަމާނީން މާގިނަ އަތޮޅެއްކަމަށް އިދިކޮޅު ޕާޓީއެއްކަމުގައިވާ އެމް.ޑީ.ޕީން އަންނަނީ އަބަދުވެސް ދަޢުވާކުރަމުންނެވެ. ނަމަވެސް ރޭގެ ބައްދަލުވުމަށް ހާޒިރުވެލެއްވި މެންބަރުންގެ ޢަދަދާއި އަދި ޖަލްސާގެ ރޫޙު ހުރިގޮތަށް ބެއްލެވުމުން އައްޑުއަތޮޅުގައި ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ވަރަށް ގިނަ ޢަދަދެއްގެ މެންބަރުން ތިއްބެވިކަން ޔަޤީންވެގެން ދިޔައެވެ. ހޭވައްލާގެ އޮފީސް އަދި ރިޔާސީ ނިޒާމް ހިތަދޫ ސެންޓަގެ ގޯތިތެރޭގައި ބޭއްވުނު މި ބައްދަލުވުމަށް 2000 ( ދެހާހެއްހާ ) މެންބަރުންނާއި ހެޔޮ އެދިވަޑައިގަންނަވާ ފަރާތްތަކުން ހާޒިރުވެވަޑައިގަތެވެ. މި ބައްދަލުވުމުގައި އުސްތާޛު މުޙައްމަދު ނަޝީދުގެ އިތުރުން ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު އަދި އައްޑު އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް އިބްރާހީމް ޝަރީފްވެސް ވާހަކަފުޅުދެއްކެވިއެވެ. ރިޔާސީ ނިޒާމުގެ މަޢުލޫމާތު ވަރަށް ބޮޑަށް ދިރާސާ ކުރައްވާފައިވާ އަދި ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ގޮތުން ޤާނޫން އަސާސީ އިސްލާޙް ކުރެއްވުމުގެ ބުރަމަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްގެ ހައިސިއްޔަތުން އަލްފާޟިލް އިބްރާހީމް ޝަރީފްވަނީ ވަރަށް މުހިންމު މަޢުލޫމާތު ޕާޓީގެ މެންބަރުންނަށް ރޭގެ ބައްދަލުވުމުގައި ފޯރުކޮށްދެއްވާފައެވެ


މިބައްދަލުވުމުގައި ޕާޓީގެ އިސްމެންބަރު އޮނަރަބަލް ޢުމަރު ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އައްޑުއަތޮޅުގައި އިސްކޮށް ޚަރަކާތްތެރިވެލައްވާ އެކްޓިވިސްޓުންނާއި ފޭދޫ ގޮފީގެ ފަރާތުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން ފޭދޫގޮފީގެ ރައީސް އަލްފާޟިލް ވިމްލާ ރަޝީދުއާއި އެގޮފީގެ އިސް ޙަރަކާތްތެރިންގެ އިތުރުން މަރަދޫ ގޮފީގެ އިސް ޙަރަކާތްތެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ

No comments: