Monday, August 27, 2007

ނިޒާމު ކަނޑައެޅުމުގެ ވޯޓު ޞައްޙަކަމަށް މުޅިޤައުމު ހެކިވާއިރު...
27/8/2007

މިމަހުގެ 18 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ޢާއްމު ސިއްރު ވޯޓަކީ ޞައްޙަ އިންތިޚާބެއް ކަމުގައި މުޅިޤައުމު ހެކިވެ އެވެ. ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނެވެ. ސަރުކާރާއި ޢާއްމު ރައްޔިތުން ނެވެ. ރާއްޖޭގައި އުފެދިފައިވާ މިނިވަން މުސްތަޤިއްލު ޖަމާޢަތް ތަކެވެ. ވަކިފަރާތަކަށް ނުޖެހޭ ފަރާތްތަކާއި އޮބްޒާވަރުން ނެވެ. އަދި ހަމަ އެހެންމެ އިދިކޮޅު ސިޔާސީ ޕާޓީތައްވެސް މެއެވެ. އެންމެ ޕާޓީއެއް ފިޔަވަ އެވެ. އެއީ އެމް.ޑީ.ޕީ އެވެ.
މިމަހުގެ 18 ވަނަ ދުވަހު ނެގި ވޯޓަކީ ރާއްޖޭގައި މިހާތަނަށް އެންމެ ހުޅުވައި ލެވިގެން ބޭއްވުނު އެންމެ ސާފު، ޞައްހަ ވޯޓު ކަމުގައި ޢަދާލަތު ޕާޓީން ވަނީ ހާމަ ކުރައްވައި ފައެވެ. އެހެންނަމަވެސް މިކަންވެސް ކުރީ އިންސާނުން ކަމަށްވީތީ އިންތިޒާމު ކުރުމުގެ ކޮންމެވެސް މައްސަލަތަކެއް ދިމާވުމަކީ ނުވެނުދާނެ ކަމެއް ކަމުގައި އެޕާޓީން ދެކެ އެވެ. ހަމަ އެހެންމެ އައި.ޑީ.ޕީ ގެ ރައީސް ޢުމަރު ނަސީރު ވިދާޅުވީ މިއިންތިޚާބުން ދޭހަވެގެން ިދިޔައީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތް ކަމުގަ އެވެ. އަދި މިއީ ޞައްޙަ އިންތިޚާބެއް ކަމުގަ އެވެ. އެމް.ޑީ.ޕީ ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ވަނީ މިއިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، މިއީ ޞައްޙަ އިންތިޚާބެއް ކަމުގައި ހާމަ ކޮށްފަ އެވެ.
އެހެންނަމަވެސް އެމް.ޑީ.ޕީ ން ހާމަކުރާ ގޮތުގައި މިއީ ބާޠިލް އިންތިޚާބެކެވެ. އަލުން އިންތިޚާބު ބާއްވަން ޖެހޭނެ އެވެ. ރިޔާސީ ނިޒާމަކަށް އެވަރުގެ ބޮޑު ތަރުޙީބެއް ނޯންނާނެ އެވެ. 18 ވަނަ ދުވަހު ބޭއްވި ޢާއްމު ސިއްރު ވޯޓުގައި ވޯޓުލަމުން ދިޔައިރު ބައެއް ވޯޓު ފޮށިތައް މޫދަށް އެއްލައި ނުލެވުނީތީ މިހާރު ދެރަވާ ކަމަށް އެމް.ޑީ.ޕީ ގެ ޗެއަރ ޕާސަން މުޙައްމަދު ނަޝީދު ވަނީ ވިދާޅު ވެފަ އެވެ. ދަރުބަރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވި ގޮތުގައި މިއިންތިޚާބަކީ ވަރަށް ބޮޑަށް އޮޅުވައިލައިފައިވާ އިންތިޚާބެކެވެ. އޭނާ ވިދާޅުވި ގޮތުގައި ވޯޓުލަމުންދިޔަ ދުވަހު އެފަދަ ވޯޓުފޮށިތައް ހުއްޓުވުމަށް އެމް.ޑީ.ޕީ އަށް ކުރެވޭނެ ކަމަކީ ވޯޓު ފޮށިތައް މޫދަށް އެއްލައިލުމެވެ. އެގޮތަށް ކަންތައްތައް ނުކުރެވުނީތީ މިހާރު ދެރަވާ ކަމުގަ އެވެ. މިއިންތިޚާބުގެ ނަތީޖާ އެމް.ޑީ.ޕީ ން ޤަބޫލު ނުކުރާ ކަމުގައިވެސް އޭނާ ވިދާޅު ވިއެވެ. އަދި މިހާރު އެންމެ ރަނގަޅު ގޮތަކީ އިންތިޚާބަކީ ބާޠިލް އިންތިޚާބެއްގެ ގޮތުގައި ނިންމައިފައި ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާކާބެހޭ ގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުން ގޮތެއް ނިންމުން ކަމުގައިވެސް މުޙައްމަދު ނަޝީދު ވިދާޅު ވިއެވެ.
"ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންތައްތައް ޢާއްމު ގޮތެއްގައި ގޮސްފައިވަނީ ޤަވާޢިދާ އެއްގޮތަށް އޮމާންކަމާ އެކުގައި ކަމަށް މިކޮމިޝަނުން ދެކެމެވެ. އެހެންކަމުން މިކޮމިޝަނުން ދެކޭ ގޮތުގައި މިވޯޓަކީ ޖުމްލަ ގޮތެއްގައި ޞައްޙަ ވޯޓެކެވެ." 18 ވަނަދުވަހުގެ ޢާއްމު ވޯޓަކީ ޞައްޙަ ވޯޓެއް ކަމުގައި ބަޔާން ކުރައްވައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އިއްޔެ ނެރުއްވި ނޫސްބަޔާނެއްގައި ވެއެވެ.
މިބަޔާނުގައިވާ ގޮތުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް މިމަހުގެ 18 ވަނަ ދުވަހު ނެގި ޢާއްމު ސިއްރު ވޯޓުގެ ކަންތައްތައް ދިޔައީ "ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި ނަގާ ޢާއްމު ސިއްރު ވޯޓު 2007" ގެ ޤަވާޢިދާ އެއްގޮތަށްތޯ ބެލުމަށް އެ ކޮމިޝަނުގެ ފަރާތުން ފޮނުއްވި އޮބްޒާވަރުންގެ ޓީމުތައް މާލޭގެ އިތުރުން 10 އަތޮޅެއްގައި ވަނީ ޙަރަކާތްތެރި ވެފަ އެވެ. އަދި ވޯޓުލުމުގެ ކުރިންނާއި ވޯޓުލުމުގެ ތެރޭގައާއި، އަދި ވޯޓު ގުނުމުގެ މަރުޙަލާގައި ކަންތައްތައް ހިނގައިފައިވަނީ ޤަވާާޢިދާ އެއްގޮތަށް މިނިވަންކަމާއި އިންސާފުވެރިކަމާ އެކުގައިތޯ އެޓީމު ތަކުން ބެލި އެވެ. މިގޮތުން ބެލި ބެލުމުގައި ވޯޓުލުމުގެ ކުރީގެ މަރުޙަލާގައި ރިޝްވަތު ދިނުމާއި ބިރުދެއްކުމާއި ނުފޫޒު ފޯރުވުމާއި އަދި މިނޫންވެސް ޤަވާޢިދާ ޚިލާފު ކަންތައްތަކެއް ހިންގައިފައިވާ ކަމުގެ ޝަކުވާ މަދުންނަމަވެސް ލިބިފައިވާ ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ނޫސްބަޔާނުގައި ވެއެވެ. އަދި ވޯޓު ލުމުގެ ތެރޭގަ އާއި ވޯޓު ގުނުމުގެ މަރުޙަލާގައި ހާމަކަން ބޮޑުކޮށް ވޯޓުގެ ޞައްހަކަމުގެ އިތުބާރު އިތުރު ކުރުމަށް އިދާރީ ގޮތުން ރަނގަޅު ކުރަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް ހުރި ކަމަށްވެސް އެކޮމިޝަނުން ވަނީ ފާހަގަ ކުރައްވައި ފައެވެ. އެހެންނަމަވެސް ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންތައްތައް ޢާއްމު ގޮތެއްގައި ގޮސްފައިވަނީ ޤަވާޢިދާ އެއްގޮތަށް ކަމަށާއި މިވޯޓަކީ ޖުމްލަ ގޮތެއްގައި ޞައްޙަ ވޯޓެއް ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހާމަ ކުރައްވައިފައި ވެއެވެ.
ގިނަ ފަރާތްތަކުން ހެކިވާ ގޮތުގައި މިހާ ފާޅުކަންބޮޑު، ހާމަކަންބޮޑު، އިންތިޚާބެއް ރާއްޖޭގައި މިހާތަނަށް ބޭއްވިފައެއް ނުވެ އެވެ. ވުމާއެކު މިއިންތިޚާބު ޞައްޙަނުވީ ކީއްވެގެންބާއޭ ހިތަށް އަރަ އެވެ؟
އެހެންނަމަވެސް މިވޯޓަކީ ޞައްޙަ ވޯޓެއް ނޫން ކަމުގައި ބުނެ، ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުދިން ކަމަށް އެނގޭ މީހުންނަށް މެދުނުކެނޑި "މަރުގެ" ޙަމަލާތައް ދަނީ ދެމުން ނެވެ. ނިމިގެންދިޔަ ޢާއްމު ވޯޓުގެ ނަތީޖާއަކީ ދިވެހިންގެ ޙުކުމެވެ. ދިވެހި ރައްޔިތުންނަށް ޑިމޮކްރަސީ އާއި އިސްލާޙު ގެނެސްދޭހިތުން ރޭގަނޑު ލޮލަށް ނިދިނާންނަ ބަޔަކު އެމީހުންގެ ޙުކުމް ޤަބޫލުނުކޮށް އެމީހުންގެ ފުރާނައަށް ނުރައްކާ ކުރުމަކީ ކިހާބޮޑު އަރަތެއް ހެއްޔެވެ؟ ދިވެހިންގެ ޙުކުމުގައި ކޮޅުފައިން ޖަހައިފައި ދިވެހިންނަށް ހޯދައިދޭން އެއުޅެނީ ކޮން ކަމެއްބާ އެވެ؟

Report: Velidhoo Community

No comments: