Monday, August 20, 2007

ރައްޔިތުންގެ ނިންމުން - ވިސްނުންތެރިކަމާއެކު ލީ ވޯޓެއް
20/8/2007 ް

ު
- ރާއްޖޭގެ ރައްޔިތުންގެ ވިސްނުންތެރިކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް ޝުކުރުދަންނަވަމެވެ.
ދިވެހީންނަކީ ވަރަށް ވިސްނުންތޫނު، ދުރުވިސްނޭ ހެޔޮ ލަފާ ބައެކެވެ. ހެޔޮބަސް އަހާ ހެޔޮ ބަސް ޤަބޫލުކުރާ ބަޔެކެވެ. އަޅުގަނޑު މިވާހަކަ މި ދަންނަވައިލީ ބޭރުގެ މުވައްރިޚުންނާއި ސައްޔާޙުންގެ ލިޔުންތަކުގައި މިވާހަކަތައް ބަޔާންކޮށްފައި ހުންނަ ހުރުމަށް އިޝާރާތްކުރަމުންނެއް ނޫނެވެ. މި އޮގަސްޓް މަހު 18 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ނިޒާމު ކަނޑައެޅުމުގެ ވޯޓުގައި ރައްޔިތުން ހާމަކޮށްދިން ނަތީޖާއާ ގުޅިގެންނެވެ.
ރާޢްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރާއްޖޭގައި ޢާއްމު ވޯޓެއް ނެގުމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްގެ ފަރާތުން އިޢުލާންކުރެއްވުމާ ގުޅިގެން "އާފަތިސް" ނޫހުން ތާއީދުކުރަނީ ރިޔާސީ ނިޒާމަށްކަން އިޢުލާންކުރިއެވެ. އެއީ ރާއްޖޭގެ ޙާލަތާއި ދެ ނިޒާމުގެ ސިފަތަކަށް ވިސްނާއިރު ރާއްޖޭގެ ވެއްޓަށް އެންމެ ކަމުދަނީ އަދި ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވި ނިޒާމަކީ އެއީކަމަށް ވާތީއެވެ. އެހިސާބުންފެށިގެން ދެ ނިޒާމާ ބެހޭ ގޮތުން ޚާއްޞަކޮށް ރިޔާސީ ނިޒާމުގެ ފައިދާގެ މައްޗަށް އަދި ބަރުލަމާނީ ނިޒާމުގެ ގެއްލުންތަކުގެ މައްޗަށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި މި ޞަފުޙާ މެދުވެރިކޮށް އަޅުގަނޑުގެ ޚިޔާލާއި ތެދު މަޢުލޫމާތު ހާމަކުރަމުން ގެންދިޔައީމެވެ. ހަމައެކަނި ވަގުތީ ފައިދާއަށާއި ޛާތީ ސަބަބުތަކަށް ވިސްނާ މީހުންގެ ނުރުހުމާއި ތުންފިއްތުމާ ކުރިމަތިލަމުންނެވެ. ތަފާތު ފޯންކޯލްތަކާއި ސައިކަލުގައި ހިއްޕާ އިސްޓިކާރ ތަކަށް ކެތްކުރަމުންނެވެ. މިފަދަ ހުރިހާ ގޮންޖެހުންތަކާއެކީގައި މި ޞަފުޙާގައި އަޅުގަނޑު ހާމަކުރަމުން ގެންދިޔައީ އަޅުގަނޑުގެ ޚިޔާލެވެ. އެއީ އެއްވެސް ފަރާތެއްގެ ރުހުމާއި ނަފުރަތަށް ބެލުމެއްނެތި ޤަައުމަށްޓަކައި އަޅުގަނޑު އަދާކުރި ޚިދުމަތެކެވެ.
ނިޒާމެއް ކަނޑައެޅުމަށްޓަކައި ވޯޓުލުމަކީ ކޮންމެ ދުވަހަކު އޮންނާނެ ކަމެއް ނޫނެވެ. އެއީ އެ ފަދަ ފުރުޞަތެއް އަޅުގަނޑުމެންގެ ޙަޔާތުގައި ލިބޭނެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ފަހަރެވެ. އެހެންނަމަވެސް އެ ފުރުޞަތުގެ އަސަރު މުޅި ޢުމުރުގައި އަޅުގަނޑުމެންނަށް ފޯރާނެ ފުރުޞަތެއްވެސް މެއެވެ. އެހެންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންގެ ކުރިމަގަށްޓަކައި ރަނގަޅު ނިޒާމެއް ޚިޔާރުކުރުމަށް ނޫހުގެ އަހުލުވެރީންނަށް ޚާއްޞަކޮށް، އަދި ޢާއްމުކޮށް ހުރިހާ ރައްޔިތުންނަށް ވިސްނައިދެވޭތޯ ކުރި މަސައްކަތުގެ ކާމިޔާބީއަށްޓަކައި މިއަދު އަޅުގަނޑާއި އާ ފަތިސް ނޫސް އުފާ ކުރާ ވާހަކަ މިދަންނަވަނީ ދިވެހީންގެ ވިސްނުންތެރިކަމަށް ތަޢުރީފުކުރަމުންނެވެ.
ރައްޔިތުންނަށް އޮޅުވާލައިގެންވެސް ވަކި ބަޔެއްގެ އަމިއްލަ މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ބަޔަކު މަސައްކަތްކުރީ އާދަޔާ ޚިލާފު ފޯރިޔަކާއެކީގައެވެ. ބަލިމަޑުކަމާއި ކަރަންޓީނު ކުލައިން މީހުންގެ ލޯތަކަށް އުނދަގޫވާ ވަރަށް "ކުލަމަޖާތައް" ދައްކަމުންނެވެ. މާތް ﷲ ގެ ޙައްގުގައި ހަދާ ތެދުކަމަށް ބުނެ ހެދުނުހާ ދޮގުތަކެއް ހަދަމުންނެވެ. ރައްޔިތންނަށް ޓަކައި އެކި ބިލަތަކާމެދު ބަހުސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ލިބޭ ފުރުޞަތަކީވެސް ރައްޔިތުންނަށް އޮޅުވާލައިގެން އެ ބަޔަކު ބޭނުންވާ ގޮތަކަށް ކެމްޕޭނުކުރުމަށް ލިބޭ ފުރުޞަތެއްކަމުގައި ހަދަމުންނެވެ.
މިފަދަ ގިނަ ގޮންޖެހުންތަކަކާއެކު ޤައުމަށް ހެޔޮ އެދޭ ބަޔަކު ކުރި މަސައްކަތުގައި އަޅުގަނޑުމެންވެސް ބައިވެރިވީ ނުހަނު އިޚުލާޞްތެރިކަމާއެކީގައެވެ. ޤައުމުގެ މުސްތަޤްބަލަށްޓަކައެވެ، މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަމަށްޓަކައެވެ. ޤައުމުގެ ތަރައްޤީއާއި އިގްތިޞާދީ ކުރިއެރުމަށްޓަކައެވެ. ﷲ ގެ ތައުފީޤާއި ވާގިވެރިކަމާއެކީގައެވެ. ﷲ ގެ ރަޙުމަތްފުޅުން އަޅުގަނޑުމެން އެންމެން ކުރި މަސައްކަތް ކާމިޔާބުވީއެވެ. މާތް ﷲ އަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހެޔޮބުއްދީގެ ވިސްނުން އިލްހާމުކުރެއްވިކަމަށްޓަކައެވެ.
ދިވެހީންނަކީ ހާދަހާ ވިސްނޭ ބަޔެކެވެ. ޛާތީ ތަޢައްޞަބު ދޫކުރައްވައި ހަމައެކަނި ޤައުމުގެ ކުރިމަގަށް ވިސްނުން ބަހައްޓައިގެން ވޯޓުދިނީ ހާދަހާ ބޮޑެތި ގެޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. ބައެއް ފިރިން ބަރުލަމާނީ ނިޒާމަށް ވޯޓުލުމަށް އެ މީހުންގެ އަނބިންނަށް މަޖްބޫރުކުރީ ވަރަށް އިހާނެތި ގޮތެއްގައެވެ. ބަރުލަމާނީ ނިޒާމުގައި ފާހަގަ ނުޖަހައިފިނަމަ ތިޔައީ އަނތްބެއް ނޫންކަމަށް ބައެއް ފިރިން ބުނެފައި އެބަހުއްޓެވެ. އެހެންވެގެން ބައެއް މީހުން އެ މީހުން ގެ ވިސްނުމަށް ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ވާތީ އެ ދިމާގައި ފާހަގަޖެހުމަށްފަހު ވަރިވެދާނެތީ އަނެއް ގޮޅީގައި ފާހަގަ ޖަހައިފައިވެސް އެބަހުއްޓެވެ. ބައެއް ރަށްރަށުން ނިސްބަތުން ބާޠިލު ވޯޓު ގިނަވެފައިވާ އެއް ސަބަބަކީ މިއީއެވެ.
ރައްޔިތުންގެ ނިންމުމަކީ ފުރިހަމަ ނިންމުމެކެވެ. ރާއްޖޭގެ ކުރިމަގު ހެޔޮ ގޮތުގައި ބައްޓަން ކުރުމަށްޓަކައި އެޅި ވަރަށް ހަރުދަނާ ވިސްނުންތެރި ފިޔަވަޅެކެވެ. މިކަމަށްޓަކައި، ރައްޔިތުންގެ ވިސްނުމާއި ކެތްތެރިކަމަށް ތަޢުރީފުކުރަމުން މި ފުރުޞަތުގައި އެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރުދަންނަވަމެވެ. އަދި އާފަތިސް ނޫހުން ކުރި މަސައްކަތަށް މާތް ﷲ ދެއްވި ކާމިޔާބީއަށް ޙަމްދާއި ޝުކުރުކުރަމުން އެކަމަށްޓަކައި ކުރެވޭ އުފާވެރި ޝުޢޫރުތައް ކިޔުންތެރީންނާއެކު ޙިއްޞާކޮށްލުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ.

Velidhoo Community
Courtesy: Aafathis

No comments: