Monday, August 13, 2007


ރިޔާސީ ނިޒާމުގެ ކެމްޕޭނަށް ހުރަސްއަޅާ މީހުންގެ ސަބަބުން އެނިޒާމަށް ތާއީދު އިތުރުވަނީ
12/8/2007 | ް

މިމަހުގެ އަށާރަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ޢާއްމު އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ދެނިޒާމުގެ ތެރެއިން ރިޔާސީ ނިޒާމަށް ކެމްޕޭން ކުރަމުންދާ ފަރާތްތަކަށް، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމުގައި ޑީ.އާރު.ޕީ ން ހާމަ ކުރައްވައިފި އެވެ.
އާފަތިސް ނޫހަށް މަޢުލޫމާތު ދެއްވަމުން ޑީ.އާރު.ޕީ ގެ ތަރުޖަމާނު އިބްރާހީމް ޝާފިޢު ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އެޕާޓީން ކުރަމުންގެންދާ ރިޔާސީ ކެމްޕޭނަށް ވަރަށް ބޮޑަށް ހުރަސް އަޅައި ޖެއްސުން ކުރަމުން ކަމަށެވެ. އެގޮތުން ރިޔާސީ ނިޒާމަށް ތާއީދުކުރާ މީހުންގެ ގޭގޭގައި އެނިޒާމަށް ތާއީދުކުރާ ޢިބާރާތްތައް ލިޔެފައި ހުންނަ ބެނާރތައް ހަލާކުކުރުން ހިމެނޭ ކަމުގައި އޭނާ ވިދާޅު ވިއެވެ. އެގޮތުން ބައެއް ބެނަރތައް ކެފުމާއި ހުޅުޖަހައި އެންދުމާއި ބެނަރތަކުގެ މައްޗަށް ސްޕްރޭކުރުން ފަދަ ކަންކަން ހިމެނޭ ކަމުގައި އޭނާ ވިދާޅު ވިއެވެ.
މީގެ އިތުރުން ރިޔާސީ ކެމްޕޭން ކުރަން އުޅޭ ފަރާތްތަކާ ދިމާއަށް ހުތުރު އެއްޗެހި ގޮވުމާއި އަޑުގަދަކޮށް ހަޅޭއްލެވުމަކީވެސް ދިމާވާ އުނދަގޫތައް ކަމުގައި އިބްރާހީމް ޝާފިޢު ވިދާޅު ވިއެވެ. ޑީ.އާރު.ޕީ ގެ ތަރުޖަމާނު އިބްރާހީމް ޝާފިޢު ވިދާޅުވީ މީގެސަބަބުން އެޕާޓީން ކުރައްވަމުން ގެންދަވާ ކެމްޕޭނަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާ ކަމުގަ އެވެ. އަދި ކެމްޕޭން ކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށްވެސް ވަރަށް ބޮޑެތި ދަތި އުނދަގޫތައް ވަމުންދާ ކަމުގަ އެވެ.
ޝާފިޢު ވިދާޅުވި ގޮތުގައި އެހެންނަމަވެސް މީގެ ސަބަބުން ރިޔާސީ ނިޒާމަށް ލިބެމުންދާ ބޮޑުތާއީދަށް އެއްވެސް އުނިކަމެއް ނާންނާނެ އެވެ. އަދި ތާއީދު ދާނީ އިތުރުވަމުން ކަމަށްވެސް އޭނާ ވިދާޅު ވިއެވެ. އަދި މީގެ ސަބަބުން ބަރުލަމާނީ ނިޒާމަށް މިހާރު އޮތް ތާއީދުވެސް ފަނޑުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ މި ޢަމަލު ހިންގާ ބަޔަކީ ބަރުލަމާނީ ސަޕޯޓަރުން ކަމުގައި ވެފައި، އެނިޒާމު ކާމިޔާބުވެއްޖެނަމަ ދެން އެމީހުންގެ ފުށުން ފެނިގެން ދާނީ މިއަށްވުރެ ގޯސް ޢަމަލުތަކެއްކަން އެމީހުންނަށް ޔަޤީންވާނެތީ އެވެ.
ޑީ.އާރު.ޕީ ނޫން އެހެން ޕާޓީތަކަށްވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ފަރާތްތަކުގެ އުނދަގޫ ފޯރަމުން ދެއެވެ. މިގޮތުން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ޢަދާލަތު ޕާޓީގެ ޢާއްމު ބައްދަލުވުމުގެ ތެރެއަށްވަދެ ބަރުލަމާނީ ސަޕޯޓަރުންވަނީ އުނދަގޫ ކޮށްފަ އެވެ. އެޖަލްސާ ފެށްޓުމުގެ ގޮތުން ކީރިތި ޤުރްއާން ކިޔެވުނު އިރުވެސް ބަރުލަމާނީ ސަޕޯޓަރުން ހުތުރު އެއްޗެހި ގޮވައި ހަޅޭއްލަވައި ހެދި އެވެ. އަދި އެޖަލްސާއަށް ހުރަސް އެޅުމަށް މަސައްކަތް ކުރި އެވެ. މިގޮތުން ހަޅޭއްލަވައި އަޑުގަދަ ކުރި މީހުންގެ ތެރެއިން އެމް.ޑީ.ޕީ ގެ މެމްބަރުން ގިނަ ޢަދަދަކަށް ފާހަގަ ކުރެވުނެވެ.
ޢަދާލަތު ޕާޓީގެ ރަސްމީ ވެބްސައިޓުގައި މިކަން ފާހަގަކުރައްވައި މިކަމާ ގުޅޭ ބައެއް ފޮޓޯތައްވެސް ހިމަނާފައި ވެއެވެ.

Report: Velidhoo Community

No comments: