ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި ނަގާ ޢާންމު ވޯޓާ ގުޅިގެން، ކުރަމުންދާ ކެމްޕޭންތަކުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، ބަރުލަމާނީ ނިޒާމެއް ކަމަށް ބުނެ، އެ ހުށަހެޅުއްވުން މީހުންނަށް އޮޅުވާލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިލްތިމާސް ް ކުރައްވައިފި
ޚަބަރު ނަމްބަރު: 446-2007
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި ނަގާ ޢާންމު ވޯޓާ ގުޅިގެން، ކުރަމުންދާ ކެމްޕޭންތަކުގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، ބަރުލަމާނީ ނިޒާމެއް ކަމަށް ބުނެ، އެ ހުށަހެޅުއްވުން މީހުންނަށް އޮޅުވާލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިލްތިމާސް ކުރައްވައިފިއެވެ. މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ނޫސް ބަޔާނެއްގައެވެ. މިދަންނަވާލަނީ އެ ނޫސްބަޔާނެވެ.
"ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށްޓަކައި، މިމަހުގެ 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ޢާންމު ވޯޓާ ގުޅިގެން، ކުރަމުން ގެންދާ ކެމްޕޭންތަކުގައި، ރައީސުލްޖުމްހޫރިއްޔާ ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށް ބުނެ، މީހުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމުގެ މަޢްލޫމާތު މިއޮފީހަށް ލިބިއްޖެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބައެއް ޚިޔާލުފުޅުތައް، ރައްޔިތުންނާ ޙިއްޞާކޮށްލެއްވުމަށް، 2004 ޖޫން 9 ވަނަ ދުވަހުގެރޭ އިސްލާމީ މަރްކަޒުގައި ބޭއްވެވި ނުރަސްމީ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހުށަހަޅުއްވާފައިވަނީ ރިޔާސީ ނިޒާމެކެވެ. ދެވަނަފަހަރަށް މިކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚިޔާލުފުޅު ހުރިގޮތް ހާމަކުރައްވާފައިވަނީ ޤާނޫނުއަސާސީއަށް ގެންނަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ އިޞްލާޙުތައް ހުށަހަޅުއްވައި، 2005 ފެބްރުއަރީ 14 ވަނަ ދުވަހު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ފޮނުއްވި 31 ނުކުތާގެ ލިޔުމުގައެވެ. އެލިޔުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ ރިޔާސީ ނިޒާމެކެވެ. މިހެން މިދަންނަވަނީ، މިދަންނަވާ ކަންތައްތައް ފާހަގަކުރަމުންނެވެ.
1. ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، ސީދާ ރައްޔިތުންގެ ޢާންމު ސިއްރު ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިޚާބު ކުރުމަށެވެ. ބަރުލަމާނީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. ވީމާ، ސީދާ ރައްޔިތުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތަށް ހުށަހަޅުއްވާފައި އޮތުމުން، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، ރިޔާސީ ނިޒާމެއްކަން އެނގެއެވެ.
2. ބޮޑުވަޒީރަކު ހުންނަވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައި އޮތް ކަމުގައިވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބޮޑުވަޒީރަކު ހޮވާގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައެއް ނުވެއެވެ. ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރު ހޮވަނީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ. ވީމާ، ބޮޑުވަޒީރަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުނުވެ، ބޮޑުވަޒީރު ޢައްޔަން ކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ވިދާޅުވެފައި އޮތުމުން، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، ބަރުލަމާނީ ނިޒާމެއް ނޫންކަމާއި، ރިޔާސީ ނިޒާމެއް ކަމަށް، މިކަމުންވެސް ދޭހަކޮށްދެއެވެ.
3. ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ވަޒީރުން އިސްކުރައްވާ ގޮތަށެވެ. ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުން ކަނޑައަޅާނީ ބޮޑުވަޒީރެވެ. ރައީސުލްޖުމްހޫރިއްޔާއެއްނޫނެވެ. ވީމާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުން އިސްކުރެއްވުމަށް ހުށަހަޅުއްވާފައި ނުވާތީ، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، ބަރުލަމާނީ ނިޒާމެއް ނޫންކަމާއި، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، ރިޔާސީ ނިޒާމެއްކަން މިކަމުންވެސް އަންގައިދެއެވެ.
ވީމާ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށްޓަކައި، މިމަހުގެ 18 ވަނަ ދުވަހު ނަގާ ޢާންމު ވޯޓާ ގުޅިގެން ކުރަމުންގެންދާ ކެމްޕޭންތަކުގައި، ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ، ބަރުލަމާނީ ނިޒާމެއް ކަމަށް ބުނެ، އެހުށަހެޅުއްވުން މީހުންނަށް އޮޅުވާލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ނުކުރުމަށް މިއޮފީހުން އިލްތިމާސް ކުރަމެވެ."
No comments:
Post a Comment