Tuesday, August 14, 2007

ކަޅު ހުކުރު"އަށްފަހުވެސް ކާމިޔަބު ލިބުނީ އިސްލާޙަށް!

13 August 2007
ް


"އެދުވަހަކީ އަހަރެމެންގެ ވިޔަފާރިއަށް ވަރަށް ބޮޑަށް ގެއްލުންވެގެން ދިޔަ ދުވަހެއް. ހަމަ އިނދަޖެހުނު ދުވަހެއް އެދުވަސް އެކަންޏެއް ނޫން. އެޙާދިސާއާއި ގުޅިގެން ދުވަސްކޮޅަކު ވިޔަފާރި ވަރަށް އަޑިއަޅާލި، ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމާއެކު ވަރަށް ދަތިވެގެން ދިޔަ. އެކަހަލަ ކަންކަމުން ޤައުމު އިސްލާޙް ވުމަށްވުރެ ބޮޑަށް ގެއްލުމާއި ނުރައްކާ އިތުރުވާނީ. މިރާއްޖެއަކީ ޚާއްސަކޮށް މާލެއަކީ ސިޔާސީ ކަންކަމުގައި މަގުމައްޗަށް ނުކުމެގެން ޙައްލު ހޯދޭނޭ ޤައުމެކޭ ނުބުނެވޭނެ. އެހެން ކަންކުރަން އުޅެފިނަމަ ހުރިހާގެއްލުމެއް ލިބޭނީ އަހަރެމެން ރައްޔިތުންނަށް." ކަޅު ހުކުރުގެ ނަމުން މަޝްހޫރުވެފައިވާ 2004ވަނަ އަހަރުގެ އޮގަސްޓް 12އަދި 13ވަނަ ދުވަހުގެ ޙާދިސާއާއި ބެހެގޮތުން ސުވާލުކޮށްލުމުން ސުވެނިއާރ ވިޔަފާރި ކުރާ މީހެއްކަމުގައިވާ ޢަލީ ޝާކިރު(43އ)ބުންޏެވެ.
މިއަދަކީ މީގެ ތިން އަހަރުކުރިން އާދެ! 2004ވަނައަހަރު މާލޭގެ ޖުމްހޫރީ މައިދާނުގައި، މިފަދަ އޮގަސްޓް މަހެއްގެ 12އަދި 13ވަނަ ދުވަހު ސަރުކާރާއި އިދިކޮޅު ބަޔަކު ބޭއްވި އެއްވުމަށް ތިން އަހަރު ފުރޭ ދުވަހެވެ. އެދުވަހު އެތަނަށް އެއްވި މީހުން އެދެމުން ދިޔައީ އެއަހަރުގެ ޖޫންމަހުގެ ނުވަވަނަ ދުވަހު ރައީސުލް ޖުމްހޫރއިްޔާ އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމު ޢިއުލާން ކުރައްވާފައިވާ އިސްލާޙީ އެޖެންޑާ އަވަސް ކޮށްދެއްވުމަށެވެ.
އެމަހުގެ ބާރަވަނަދުވަހު އެތައްހާސް ބަޔަކު ޖުމްހޫރީމައިދާނަށް އެއްވިއެވެ. މިއެއްވުމާއެކު ބަޔަކު މާލެތެރޭގައި ހަމަނުޖެހުން އުފައްދައި ބައެއް ޢިމާރާތްތަކުގައި ހުޅުޖަހާ ހެދިއެވެ. މަލޭގެ ޙާލަތު ކޮންޓްރޯލް ނުކުރެވެ ވަރު ވުމުން ރައީސުލް ޖުމްހޫރިއްޔާ، މާލެއާއި މާލެ ކައިރީގެ ސަރަޙައްދު ތަކުގައި ކުއްލި ޙާލަތު ޢިއުލާން ކުރިއެވެ.
މިއަދު އެޙާދިސާއަށް ތިން އަހަރު ފަހުން މިޤައުމަށް ނަޒަރު ހިންގާލާއިރު ގިނަ ސިޔާސީ އިޞްލާޙީ ފިޔަވަޅުތަކެއް އަޅާފައި ވާތަން ފެނެއެވެ. މިރޮނގުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ ދާއިރާއަކީ ސަރުކާރުގެ ސިޔާސަތުގެ ނާރެސް އިންސާނީ ޙައްޤުތަކުގެ މައްޗަށް ބިނާކޮށް ބައިނަލް އަޤްވަމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް، ރާއްޖޭގެ އިންސާނީ ހައްޤުގެ ދާއިރާ ތަރައްޤީކޮށް ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިއުމެވެ.
އިންސާނީ ހައްޤުތަކުގެ ދައިރާގައި ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި މިނިވަން މުސްތަޤިއްލު ހިއުމަން ރައިޓްސް ކޮމިޝަނެއް ޤަނޫނީ އޮނިގަނޑެއްގެތެރޭގައި އުފެއްދުމާއި އައި.ސީ.ސީ.ޕީ.އާރުއާއި އައި.ސީ.އީ.އެސް.އާރު މުޢާހަދާގައި ބައިވެރިވުމާއި އަނިޔާ ކުރުމާ ދެކޮޅަށް ކެޓްއާއި އޮޕްކެޓް މުޢާހަދާގައި ބައިވެރި ބައިވެރި ވުމާއި އެއްވެ އުޅުމުގެ މިނިވަންކަން ދިނުން ހިމެނެއެވެ.
ފާއިތުވި ތިން އަހަރުގެތެރެގައި އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމުގެ ދާއިރާގައި ހޯދާފައިވާ އެހެން ކުރިއެރުންތަކަށް ބަލާއިރު ހައްޔަރު ކުރެވޭ ބާވަތުގެ ކުށާއި ނުކުރެވޭ ބާވަތުގެ ކުށްވަނީ ކަނޑައަޅާފައެވެ. އަދި ނިޔާ ކަނޑައެޅުމުގެ ބިލާއި ޖިނާޢީ އިޖުރާޢާތުގެ ބިލާއި ހެއްކާއި ޤަރީނާގެ ބިލާއި ޤައުމީ ސަލާމަތާއިބެހޭ ބިލާއި، ޕޮލިސްބިލާއި، މީހުން ހައްޔަރު ކުރެވޭގޮތުގެ ބިލާއި ޕެރޯލްގެ ބިލްތަކުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އަދި މީޑިއާގެ މިނިވަންކަމުގެ ދާއިރާއަށް ބޭނުންވާ ބިލްތައް ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލާއި ނޫސްމަޖައްލާތައް ރަޖިސްޓްރީކުރުމުގެ ބިލާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމުގެ ބިލާއި، މީޑިއާ ކައުންސިލްގެ ބިލާއި، ބްރޯޑްކާސްޓިންއާއި ކޭބަލް ޓީވީގެ ބިލްތައްވެސް ހިމެނެއެވެ.
މީގެއިތުރުން ސަރުކާރުންވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަރުދަނާ ކުރުމަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. މިފިޔަވަޅު ތަކުގެ ތެރޭގައި މީޑިއާގެ ދާއިރާގެ މިނިވަންކަން ހަރުދަނާ ކުރުމުގެ މަސައްކަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދިނުން ހިމެނެއެވެ. މިގޮތުން ދައުލަތުގެ މީޑިއާގެ ޓީވީ އާއި ރޭޑިއޯގެ އިތުރުން އަމިއްލަ ޓީވީ ޗެނަލަކާއި އަމިއްލަ ދެ ރޭޑިއޯ ސްޓޭޝަނަކަށްވަނީ ހުއްދަ ދެއްވާފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލްގެ ދެކިއުން މިހާރު މަޖިލީހުން ވަނީ ބާއްވާފައެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ފުޅާ ކުރުމުގެ ގޮތުންވެސް ވަނީ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. އެހެންނަމަވެސް މަޖިލީހުން ވަނީ ޓެކްނިކަލް ސަބަބުތަކާ ހެދި އެބިލް އަނބުރާ ފޮނުވާލާފައެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުންވަނީ ޤަވާޢިދެއްގެ ދަށުން އެއްވެއުޅުމުގެ މިނިވަންކަން ހުއްދަ ކުރައްވާފައެވެ.
ފާއިތުވި ދުވަސް ތަކުގެ ތެރޭގައި އިސްލާޙީ އެޖެންޑާ ކުރިއަށް ގެންދިއުމަށްޓަކައި ޢަދުލު އިންސާފުގެ ދައިރާ ހަރުދަނާ ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޖުޑިޝަލް ކޮމިޝަނެއް އުފެއްދުމުގެ މަސައްކަތާއި ސިޔާސީ ޕާޓީގެ ބިލާއި ޤާނޫނުލް އުޤުބަތުގެ ބިލް ހިމެނެއެވެ. އަދި މީގެ އިތުރުން ސަރުކާރުން ވަނީ އިޞްލާޙީ އެޖެންޑާގެ ރޫޙާއި އެއްގޮތަށް ތަފާތު އެތައް މުއައްސަސާއެއް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ކޮރަޕްޝަންއާ ދެކޮޅަށް އެކުލަވާފައިވާ އދ.ގެ މުޢާހަދާގައި ބައިވެރި ވުމާއި އޮޑިޓާރ ޖެނެރަލް އާއި ސެންޓްރަލް ބޭންކްގެ ގަވަރނައަކީ ރައްޔިތުންގެ މަޖިޅީހުން ޢައްޔަންކުރާ ބައެއްކަމުގައި ހަމަ ޖައްސަވައި އެތަންތަން މުސްތަޤިއްލު އިދާރާތަކަކަށް ހެއްދެވުމާއި ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނެއް އުފެއްދެވުމުގެ މަސައްކަތަކީ މިމުއްދަތުގެ ތެރޭގައި ސަރުކާރުން ކޮށްނިންމާފައޮވާ ކަންތައް ތަކެވެ. މީގެ ތިން އަހަރުދުވަސް ކުރިން ހިނގައިދިޔަ މިޙާދިސާ އެމް.ޑީ.ޕީން ސިފަ ކުރަނީ އެހެން ގޮތަކަށެވެ. ހިތްވަރު ހޯދުމުގެ ދުވަހުގެ ނަމުގައި ވެތުވެދިޔަ އަހަރުގައި އެޕާޓީންވަނީ މިދިވަސް ފާހަގަ ކޮށްފައެވެ. އަދި ދުވަސް ކުޑަތަން ވަމުން ދިަޔަވަރަކަށް ދުވަހުގެ ވަހަކަ ދައްކާ ކުރާނެ މުޒާހަރަތަކާއި ހިންގާނެ ޙަރަކާތްތަކުގެ ވާހަކަ ދައްކައެވެ. އެހެންނަމަވެސް މިއަހަރު މިފަދަ އެއްވެސް ވާހަކައެއް ނުދައްކައެއެ.
އެމް.ޑީ.ޕީގެ ޢަމީންޢާއްމު ޙާމިދު ޢަބްދުލް ޣަފޫރު ވިދާޅުވިގޮތުގައި މިއަހަރު އެޕާޓީން މިދުވަސް ފާހަގަ އެހާ ކުލަގަދަކޮށް ފާހަގަ ނުކުރަނީ އަންނަ ހޮނިހިރުދުވަހު ނަގަން ހަމަޖެހިފއިވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ޢާއްމު ވޯޓަށް އެޕާޓީގެ "ފޯކަސް"ގެއްލިދާނެތީއެވެ. އެހެންނަމެވެސް މިރާ އޮންނަ އެޕާޓީގެ ޢާއްމު ބައްދަލުވުމެއްގައި މިދުވަސް ފަހަގަކުރާނެ ކަމުގައި ޙާމިދު ވިދާޅުވިއެވެ.
ދިވެހިރައްޔިތުންގެ ޕާޓީގެ ތަރުޖަމަނު އިބްރާހީމް ޝާފިޢު ވިދާޅުވި ގޮތުގައި އޮގަސްޓް ބާރަތޭރައިގެ ޙާދިސާއަށް ކަޅު ހުކުރޭ ކިޔައި ނަންދިނީ އެދުވަސް ކަޅު ކުރިމީހުންނެވެ. އެއީ ކުރިއްސުރެ ރޭވިގެން ހިނގައިދިޔަ ކަމެއް ނޫންކަމަށައި ބަޔަކު އެއްވުމުން ސަރުކާރަށް ދެކޮޅު ބަޔަކު އެކަމުގެ ނާޖާއިޒް ފައިދާ ނަގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރީކަމުގައި ޝާފިޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ އަޅުގަނޑުމެން ހަނދާން ނައްތާލަންވީ ދުވަހެކެވެ. އެދުވަސް މަތިން ހަނދާންކުރުމުގެ މާބޮޑު ބޭނުމެއްނެތެވެ.
އިސްލާޙީ މަސައްކަތް ކުރުމުގެ ދަޢުވާ އިނދިކޮޅު ފަރާތްތަކުން ވަރަށް ގިނައިން ކުރެއެވެ. އެހެންމަވެސް އެފަރާތްތަކުން އިސްލާޙަށް ކުރި ކަމެއްނެތް ކަމުގައި މިއަދު ވަރަށް ގިނަ މީހުން ދެކެން ފަށައިފިއެވެ. ސަބަބަކީ އެފަރާތްތަކުން ސަރުކާރަށް ތުހުމަތުކުރި ބައެއް އުނިސިފަތައް މާގިނަދުވަހެއް ނުވެ އެފަރާތްތަކުގެ ކިބައިން ފެންނަން ފެށުމެވެ. މިސާލަކަށް އެހެންމީހުންގެ ޚިޔާލަށް ޢިޙުތިރާމް ނުކުރުމާއި އެމީހުނަށް ތާޢީދުކޮށް ޘަނާނުކިޔާ ހަމަ ކޮންމެ މީހަކީ ޚިޔާނާތްތެރިއެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ. އެހެންކަމުން "ކަޅުހުކުރު"ގެ ޙާދިސާއަށްފަހު ކާމިޔާބު ހޯދީ ހަމަ ކުރިންވެސް އިސްލާޙަށް މަސައްކަތްކުރި ފަތާތްތަކެވެ. އެއީ އެންމެ ފުރަތަމަ އިސްލާޙީ ޕޮރްގްރާމެއް ޢިއުލާންކުރި ފަރާތެވެ.! ސަރުކާރެވެ.! އިދިކޮޅު ފަރާތްތަކުގެ އިސްލާޙީ އެޖެންޑާއެއް ފެންނާކަށެއް ނެތެވެ.

Report: Velidhoo Community
Courtesy: Aafathis

No comments: