Tuesday, August 14, 2007

ދިވެހިރައްޔިތުންގެ ޕާޓީގެ 23 ވަނަ ޢާންމު ބައްދަލުވުން ބޭއްވިއްޖެ
13 އޯގަސްޓް 2007

ޑީއާރުޕީގެ 23 ވަނަ ޢާންމު ބައްދަލުވުން ބޭއްވުނީ ޢިމާދުއްދީން ސްކޫލްގައި ރޭ 9:00 ގައެވެ. މިބައްދަލުވުމަށް ޕާޓީގެ މެންބަރުންނާއި އަދި ހެޔޮ އެދިވަޑައިގަންނަވާ ވަރަށް ގިނަ ޢަދަދެއްގެ މެންބަރުން ވަޑައިގެންނެވިއެވެ. ޢިމާދުއްދީން ސްކޫލުގެ ގޯތިތެރެ ފުރިބާރުވެފައިވާއިރު ސްކޫލުގެ ހޯލާއި އަދި ސްކޫލުތެރޭގެ އެކި ސަރަޙައްދު ތައް ވަނީ ތޮއްޖެހިފައެވެ. 18 އޯގަސްޓްގައި އޮންނަ ރައްޔިތުންގެ ޢާންމު ވޯޓުގައި ޑީއާރުޕީން ތާއީދު ކުރާ ރިޔާސީ ނިޒާމަށް ތާއީދު ހޯއްދެވުމަށް އަމާޒުކުރައްވައިގެން ބޭއްވުނު މިބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު ބައްދަލުވުމަކަށެވެ.
ޕާޓީގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ އިތުރުން ޕާޓީގެ ކައުންސިލްގެ ދެ މެންބަރުން ކަމުގައިވާ އަލްއުސްތާޛު މުޙައްމަދު ނަޝީދުއާއި އަލްފާޟިލް ޢިމާދު ޞޯލިޙް މިބައްދަލުވުމުގައި މެންބަރުންނާއި މުޙާތަބްކޮށްދެއްވިއެވެ. މި ބައްދަލުވުން ތަޢާރުފުކޮށްދެއްވީ ކުޅަދާނަ ވާހަކަދެއްކުންތެރިޔާ އަދި ޕާޓީގެ ކައުންސިލްގެ މެންބަރު އަލްފާޟިލަ ހޯރަފުށީ މުޙައްމަދު ސަލީމް އެވެ.

މިބޭބޭފުޅުންގެ ވާހަކަފުޅުތަކުގެ އިތުރުން ޕާޓީން ތައްޔާރު ކުރައްވާފައިވާ ޑޮކިއުމެންޓްރީއެއްވެސް ދެއްކުން ރޭގައި ކުރިއަށް ގެންދެވުނެވެ. އަލްފާޟިލް މުޙައްމަދު ސަލީމް ތައްޔާރުކުރައްވާފައިވާ މި ޑޮކިއުމެންޓްރީގައި ވަރަށް ތަފްޞީލް ކޮށް ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަންވީ ސަބަބު ހާމަކޮށްދެއްވާފައިވެއެވެ. އަދި ބަރުލަމާނީ ނިޒާމު ހިންގާ ބައެއް ޤައުމުތަކުގެ ހާލަތު ވަރަށް ފުޅާދާއިރާއެއްގައި ހާމަކޮށްދެއްވާފައިވެއެވެ.

މި ބައްދަލުވުމަށް ހާޒިރުވެތިއްބެވި ގާތްގަނޑަކަށް 4000 ހާހެއްހާ މެންބަރުންނަށް ވަރަށް ސާފުކޮށް ރިޔާސީ ނިޒާމުގެ ހުރި މުހިންމު ސިފަތަކާއި އަދި ބަރުލަމާނީ ސަރުކާރުތައްހިންގަވާ ބައެއް ޤައުމުތަކުގެ ހާލަތު ބަޔާން ކޮށްދެއްވީ ޕާޓީގެ ކައުންސިލް މެންބަރު އަދި ދިވެހިރާއްޖޭގެ އިންފޯރމޭޝަން މިނިސްޓަރ އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ނަޝީދުއެވެ. އެއަށްފަހު މެންބަރުންނާއި މުޙާތަބްކޮށްދެއްވީ ޕާޓީގެ ލޮބުވެތި ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަރަށް ބޮޑު ޢައުލަބިއްޔަތަކުން ކުރިއަށް އޮތް ނިޒާމް ވޯޓް ރިޔާސީ ނިޒާމަކަށް ކާމިޔާބުކުރެއްވުމަށް ޕާޓީގެ އެންމެހާ މެންބަރުންނަށް ގޮވާލެއްވިއެވެ.
ޕާޓީގެ ޒަޢީމުގެ ވާހަކަފުޅަށް ފަހު މެންބަރުން ކުރެއްވި ސުވާލުތަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވާފައެވެ.

ޕާޓީގެ ޒަޢީމްގެ ވާހަކަފުޅަށް ފަހު ޕާޓީގެ ކައުންސިލްގެ މެންބަރު އަލްފާޟިލް ހޯރަފުށީ މުޙައްމަދު ސަލީމް ތައްޔާރުކުރައްވާފައިވާ ޑޮކިއުމެންޓްރީ ދެއްކެވުން ކުރިއަށް ގެންދެވުނެވެ. އެއަށްފަހު ޕާޓީގެ ކައުންސިލްގެ މެންބަރު އަލްފާޟިލް ޢިމާދު ޞޯލިޙް ވަރަށް ތަފްޞީލްކޮށް ނިޒާމް ކެންޕޭނުގެ ހާލަތުގެ މައްޗަށް ބައްލަވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ޕާޓީގެ މެންބަރުންނަށާއި އެންމެހާ ދިވެހިރައްޔިތުންގެ ތެރެއިން 18 އަހަރުން މަތީގެ އެންމެންނަށް ވޯޓުދެއްވުމަށް ވަޑައިގެންނެވުމަށް ގޮވާލެއްވިއެވެ.

ޕާޓީގެ 23 ވަނަ ޢާންމު ބައްދަލުވުން ނިންމާލެއްވީ ޕާޓީން ތައްޔާރުކޮށްފައިވާ ރިޔާސީ ނިޒާމް ޕްރޮމޯޝަން ލަވަ " ރިޔާސީ ނިޒާމޭ" މިލަވައިންނެވެ. މި ލަވަ ޖަހަމުން ދިޔަވަގުތު މެންބަރުން ވަރަށް ފޯރީގައި ލަވައިގައި ބައިވެރިވެ ނަށަމުން ގެންގޮސްފައިވެއެވެ. ޖޯޝާއި ފޯރީގައި އަދި ވަރަށް އެކުވެރި މާހައުލެއްގައި ކުރިއަށްދިޔަ ރޭގެ ބައްދަލުވުން ނިންމާލެއްވީ 11:30 ގައެވެ.

ބައްދަލުވުން ނިންމާލެއްވުމަށް ފަހު ޕާޓީގެ ޒަޢީމް ހަވީރުނޫހުގެ މުރާސިލުންނަށް އިންޓަރވިއުއެއް ދެއްވިއެވެ

Report: Velidhoo Community

No comments: