ބަރުލަމާނީ ނިޒާމެއް އަޔަސް ވާދަ ކުރައްވާނެކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ
އަބްދުﷲ ފާއިޤު
މިމަހު 18 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގައި އޮންނަ ފެންނަވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ވޯޓުގައި ބަރުލަމާނީ ނިޒާމެއް އަޔަސް ވާދަ ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހިރައްޔިތުންގެ ޕާޓީގެ ޒަޢީމް އަލްއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ޢިމާދުއްދީން ސްކޫލުގައި އޮތް ޑީއާރުޕީގެ 23 ވަނަ ޢާންމު ބައްދަލުވުމުގައި މެންބަރުންނަށް ހުޅުވާލެއްވި ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރަކު ކުރެއްވެވި ސުވާލުގައި އަންނަ އަހަރު އޮންނަ ޕާޓީތަކުގެ އިންތިހާބުގައި ރައީސް މައުމޫނު ކުރިމަތިލައްވާނީ ރިޔާސީ ނިޒާމް ކާމިޔާބުވެގެންކަމަށް ގިނަ ބަޔަކުދެކޭކަމަށާއި އެކަމާގުޅޭގޮތުން އެމަނިކުފާނުގެ ވިސްނުފުޅަކީ ކޮބައިތޯ ސުވާލުކުރެއްވުމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރަނގަޅު ވިސްނުފުޅެއްނޫންކަމަށެވެ
” ނޫން އެއީ ރަނގަޅު ވިސްނުމެއް ނޫން, ރައްޔިތުން ނިންމަވާ ކޮންމެ ނިޒާމެއް ނިންމެވިޔަސް އަޅުގަނޑު މިހުރީ މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅު ފުރިހަމަ ސިއްޙަތުގައި ކަމަށްވާނަމަ ތިޔަބޭފުޅުންނާއި ދިވެހިރައްޔިތުންގެ ތާޢިދު އަޅުގަނޑަށް އޮތް ކަމަށްވާނަމަ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ޢަޒުމް ކަނޑައަޅައިގެން ” ރައީސް މައުމޫން ވިދާޅުވި އެވެ
މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު ތާޢިދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ނިޒާމް ކަނޑައެޅުމުގެ ވޯޓުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ކުރިމަތިގައިވާ ވޯޓަކީ ޕާޓީތަކުގެމެންބަރުގެ މެދުގައި އެކަނިނެނގޭ ވޯޓެއް ނޫންކަމަށާއި މިވޯޓަކީ ހުރިހާ ރައްޔިތުންނަށް ބެހޭ ވޯޓެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ
” އަޅުގަނޑު އެދެނީ 18 އަހަރު މަތީގެ ޤާނޫނީ ޝަރުތު ހަމަވާ ހުރިހާ ރައްޔިތުން މިވޯޓުގައި ބައިވެރިވެ ވަޑައިގެން ދެއްވުން ” މައުމޫން ވިދާޅުވިއެވެ
ރޭގެ ޖަލްސާގައި އިންފޮރމޭޝަން މިނިސްޓަރ އަދި ޑީ އާރު ޕީގެ ކައުންސިލު މެންބަރު މުހައްމަދު ނަޝީދާއި ކައުންސިލު މެންބަރު އިމާދު ޝޯލިހުގެ އިތުރުން މުހައްމަދު ސަލީމްވެސް ވާހަކަފުޅުދެއްކެވިއެވެ
Report: Abdulla Faig
Courtesy: Jazeera
No comments:
Post a Comment