މަޤާމުން އިސްތިއުފާ ދެއްވަމުން ދެ ބޭފުޅަކު ކުރެއްވި ތުހުމަތުތަކުގެ ޙަޤީޤަތް ހޯއްދަވަނީ
8/8/2007 |
ވަޒީރުކަމުގެ މަޤާމުގައި ތިއްބެވުމަށްފަހު، މަޤާމުން އިސްތިއުފާ ދެއްވަމުން ދެ ބޭފުޅަކު ސަރުކާރާ ދެކޮޅަށް ކުރައްވައިފައިވާ ތުހުމަތުތަކުގެ ޙަޤީގަތް ބެއްލެވުމަށް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މި މައްސަލައަކީ މިނިސްޓަރ އޮފް ޖަސްޓިސްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ޖަމީލު އަޙްމަދާއި ބަންޑާރަ ނާއިބުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޙަސަން ސަޢީދު، މިމަހު ފަސްވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދެއްކެވިކަން ހާމަ ކުރައްވަމުން، ނޫސްކޮންފަރެންސްގައި ސަރުކާރާ ދެކޮޅަށް ހާމަ ކުރެއްވި މަޢުލޫމާތުތަކާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ކަމަށް ބަޔާން ކުރައްވައިފައި ވެއެވެ.
"މިދެންނެވި ދެ ވަޒީރުން އިސްތިޢުފާ ހުށަހެޅުއްވުމަށްފަަހު، ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ ޤާނޫނީ ހުވަޔާ ޚިލާފުވެ ވަޑައިގެން، ޤާނޫނާއި ޤަވޢާިދުތަކުގެ ބޭރުން އެތައް ކަމެއް ކުރައްވަމުން ގެންދަވާ ކަމާއި ޤައުމުގެ ޢަދުލު އިންސާފު ޤާއިމު ނުކުރެވޭ ކަމަށް ހާމަކުރެއްވި ހާމަކުރެއްވުން ވީ ދިވެހި ލޮބުވެތި ރައްޔިތުން ސިއްސުވައިލައި ހާސްކަމުގެ ތެރެއަށް ވައްދައިލި ކަމެކެވެ." މައްސަލަ ހުށަހެޅުއްވި ލިޔުމުގައި ވެއެވެ.
"ދެވަޒީރުން އިސްތިއުފާ ދެއްވި ސަބަބެއްކަމަށް ވިދާޅުވި ސަބަބުތަކުގެ ޙަޤީޤަތް އޮޅުން ފިލުއްވަވައި، ރައްޔިތުންގެ ހިތްތަކަށް ވަދެފައިވާ ނުތަނަވަސްކަމާއި ހާސްކަން އަވަސް ފުރުޞަތެއްގެ ތެރޭގައި ފިލުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މިމައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރު މުޙައްމަދު ޝިހާބު ހުށަހެޅުއްވި މައްސަލައިގައި ބަޔާން ކުރެއްވި އެވެ. ޤައުމު ހިނގަމުން މިދަނީ ޤާނޫނު އަސާސީއާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ އޮޅުން ފިލުއްވަވައި، ޢަދުލު އިންސާފު ޤާއިމު ކުރެވޭތޯ ނުވަތަ ނޫންތޯ ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އޭނާ އެދި ވަޑައިގެންނެވި އެވެ. އަދި އެދެވަޒީރުންގެ ވާހަކަފުޅުތަކަކީ ތެދު ވާހަކަފުޅުތަކެއް ކަމަށް ވާނަމަ، މަޖިލީހުން އަމަލުކުރައްވަން ގަސްދުކުރައްވާ ގޮތެއް ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ
No comments:
Post a Comment