Tuesday, August 14, 2007

ހަސަނާއި ޖަމީލުގެ އިސްތިއުފާއާއެކު ޑީއާރުޕީ ރޫޅެނީކީ ނޫންބާ؟

ު

ޑރ ހަސަން ސައީދާއި މުހައްމަދު ޖަމީލް އަހުމަދުގެ އިސްތިއުފާއަކީ ވަރަށް ގިނަ ގޮތްގޮތުން ހައިރާން ކުރުވަނިވި އިސްތިއުފާ އެކެވެ. އަދި އެއިސްތިއުފާގެ ސަބަބުންވެސް ލައްކަ ކަންތައްތަކެއް ވެދާނޭ ކަމަށް ގިނަ ސިޔާސީ މުހައްލިލުން ބުނެ އެވެ. އަދި އެފަދަ އަލާމާތްތައް މިހާރު ފެންނަން ފަށައިފިކަމަށްވެސް ހީވާން ފަށައިފި އެވެ.

އެދެބޭފުޅުންގެ އިސްތިއުފާގެ ސަބަބުން އެންމެބޮޑު އަސަރެއް ކުރާނޭކަމަށް ބެލެވެނީ ދިވެހި ސަރުކާރަށާއި އަދި ސަރުކާރުގެ ބޮޑުން ނިސްބަތްވާ އަދި އެދެބޭފުޅުންވެސް ނިސްބަތްވާ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށެވެ.

އެއީ ވަރަށް ބޮޑު ޙަޤީގަތެއް އެކުލެވޭ ކަމެކޭ ބުނުމަކީ ދޮގެއް ހެނެއް ހީއެއް ނުވެއެވެ. އެގޮތުން ސަރުކާރަށް ބަލާއިރު, ބޮޑުންގެ ގޮތުގައި ދެއާއިލާ ހަމަހަމަ ކުރުމާއި ރައްޓެހި ރަހުމަތްތެރިން ގާތްކުރުމުގެ އާދަކާދައިގެ ދަށުން ގެންގުޅުނު ގޮތް, ބޭރު ދުނިޔެއަށް ހާމަ ވުމުންނާއި 29 ހަކަށް އަހަރުގެ ތެރޭގައި ރަނގަޅު އިސްލާހްތަކެއް ގެނެވިފައި ނުވާތީ އެތެރެއިންނާ ބޭރުން ކުރި ޕްރެޝަރެއްގެ ސަބަބުން ސަރުކާރަށް ލިބުނު ބަލިކަށިކަން ފޫބެއްދުމަށްޓަކައި ކެބިނެޓް ”ޅަ“ ކޮށްލެއްވި އެވެ. އޭގެތެރެއިން ދެން އުފެދުނީ ”ނިއުމޯލްޑިވްސް“ އެވެ. ނިއުމޯލްޑިވްސް ވެގެން ދިޔައީ ރައީސް މައުމޫނަށް ގެއްލުންތަކެއް ނުލިބި އަދި އެތެރެއެތެރެއިން ރާއްޖެއަށް ބޭނުންވާ އިސްލާހްތައް ގެނެވޭތޯ މަސައްކަތް ކުރެއްވި ބަޔަކަށެވެ. ނޫންނަމަ ވެއްޓެމުންދާ ސަރުކާރު ދިފާއުކޮށް ކޮނޑު ވިއްދަމުން ދިޔަ ބައެއް ކަމަށެވެ.

ކިޔަވައިގެންތިބި މިމީހުން ބޮޑަށް މަސައްކަތް ފެށީ ރާއްޖެއިން ބޭރުގައި ވެއްޓިފައިވާ ދިވެހި ސަރުކާރުގެ އިމޭޖް ރަނގަޅުކުރުމަށެވެ. އަދި ރާއްޖެއަށް ޤާނޫނީގޮތުންނާއި އެހެނިހެން ގޮތްގޮތުން ގެންނަން ޖެހޭ އިސްލާހްތައް މަސައްކަތް ކުރެއްވިއެވެ. އިދިކޮޅު ޕާޓީއަށް ރައްދު ދެއްވި ނަމަވެސް އަދި އެޕާޓީއަށް ތަފާތު ބަސްތައް ވިދާޅުވި ނަމަވެސް ބައްދަލުވުންތަކާއި ވާހަކަތައް ބާއްވަމުން ގެންދެވި އެވެ. ނިންމޭ ކަންތައްތަކަށް ކުރިމަތިވާ ހުރަސްތަކުގެ ސަބަބުން އެކަންކަމަށް އަމަލީ ސިފައެއް ނުގެނެވުނު ނަމަވެސް މެއެވެ.

އެހެން ކަމުން ހަސަނާއި ޖަމީލުގެ އިސްތިއުފާއަކީ ސަރުކާރަށް ހަޖަމު ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި އެދެބޭފުޅުން އިސްތިއުފާ ދެއްވުމުގެ ސަބަބުން ނިއުމޯލްޑިވްސްގެ ފެކްޝަން މިހާރު އޮތީ ގާތްގަނޑަކަށް ރޫޅިފަ އެވެ. އިވޭ އަޑަކީ ނިއުމޯލްޑިވްސްގެ އިތުރު ބަޔަކު ދާދި އަވަހަށް އިސްތިއުފާ ދެއްވަފާނެ ކަމުގެ ވާހަކަ އެވެ.

ސަރުކާރުގެ އިތުރުން އެންމެބޮޑު ގެއްލުމެއްވާނެ އަނެއް ބަޔަކީ ސަރުކާރާ ހަވާލުވެގެން އުޅޭކަމަށް ބުނާ ޑީއާރުޕީ އެވެ. ނިއުމޯލްޑިވްސްއަކީ ޑީއާރުޕީ ތެރޭގައި ބާރުގަދަ ބައެކެވެ. ޑީއާރުޕީ އުފެދިގެން އައި ދުވަސްވަރު ސްޓޭޖްތަކަށް އަރާ ރައްޔިތުން ޤަބޫލުކުރާފަދަ މޮޅެތި ވާހަކަ ދެއްކުންފަދަ ކަންކަމުގައި ނިއުމޯލްޑިވްސް އުޅުނީ ކުރީ ސަފުގަ އެވެ. އަދި ނިއުމޯލްޑިވްސް ފިޔަވާ ޑީއާރުޕީ ތެރޭން އުފެދުނު އަނެއް ދެފެކްޝަން ކަމަށްވާ އިލްޔާސް އިބްރާހީމާއި ޤާސިމް އިބްރާހީމްގެ ފެކްޝަނާއި ރައީސް މައުމޫންގެ ކޮއްކޯފުޅު ޢަބްދުﷲ ޔާމީންގެ ފެކްޝަންގެ ކޯޅުންތަކުގެ ސަބަބުން ސަރުކާރާއި ޑީއާރުޕީ ދޫކޮށް އެވަގުތަށް ބަލިވެގެން ޔާމީންގެ ފެކްޝަން ދިޔުމުގެ އެއްސަބަބަކީވެސް ނިއުމޯލްޑިވްސް ޤާސިމްކޮޅަށް ޖެހުން ނުވަތަ ނިއުމޯލްޑިވްސްގެ ކޮޅަށް ނުވަތަ އެދެފެކްޝަން އެކުވެފައިވާ ކޮޅު ދޫކޮށްލަން ރައީސް މައުމޫނަށް ކެރިވަޑައި ނުގަތުމެވެ.

މިސަބަބުތަކަށްޓަކައި ނިއުމޯލްޑިވްސްއަކީ ޑީއާރުޕީއަށް މުހިއްމު ނޫން ބައެކޭ ބުނެވޭނެ ޖާގައެއް އޮތް ހެނެއް ހީއެއް ނުވެއެވެ. މީބައިދައިން ވިސްނާއިރު ހަސަން ސައީދާއި ޖަމީލް ސަރުކާރުން ވަކިވުމުގެ ސަބަބުން ޑީއާރުޕީއަށް ދަނީ ގޮންޖެހުން ތަކަކާ ކުރިމަތިވަމުންނެވެ.

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކޯޑިނޭޓަރ އިބްރާހީމް ޝާފިއު ވިދާޅުވީ ސަރުކާރުގެ ވަޒީރު ކަމުން އިސްތިއުފާ ދިނުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެއިސްތިއުފާ ޤަބޫލުކުރެއްވިތޯ ބަލާވެސް ނުލައި ގޮސް ރައީސުލް ޖުމްހޫރިއްޔާގެ ގޯސް ވާހަކަ ދައްކާ ނޫސްކޮންފަރެންސެއް ބޭއްވުމަކީ ދެރަކަމެއް ކަމަށެވެ.

” އެބޭފުޅުން ނަކީ ކިޔަވައިގެން ތިއްބެވި ވަރަށް މަތީ ފާސްތަކެއް ނަންގަވައިގެން ތިއްބެވި ދެބޭފުޅުން. އެކަމަކު އެކުރެއްވީކީ ޒިންމާދާރު ކަމެއް ނޫން. އިސްތިއުފާ ދިނުން އޯކޭ. އެމީހެއްގެ ވަޒީފާ ރަނގަޅަށް އަދާ ނުކުރެވޭތީ ނުވަތަ އެކަމުގައި ދެމިހުރުމަށް އުޒުރުވެރިވަންޏާ އިސްތިއުފާ ދޭންވީ. އެކަމަކު އެބޭފުޅުން އިޚްލާސްތެރިވުމަށް ހުވާކޮސްގެން ތިބި ފަރާތުގެ ބަސްފުޅެއް ނުލިބެނީސް ގޮސް ޕްރެސްކޮންފަރެންސެއް ދީފާ އެބޭފުޅާ ބަދުނާމްވާގޮތަށް ވާހަކަދެއްކުމަކީ ހަމަތަކަށް ބަލާއިރު ރަނގަޅު ކަމެއް ނޫން. އެބޭފުޅުންނާމެދު މާޔޫސްވެއްޖެ“ ޝާފިއު ވިދާޅުވިއެވެ. ”މިހާރު ޕާޓީތެރޭގެ ރޫހު ވަރަށް ކުޑަ. އަސްލު އެމީހުންނަކީ ވަރަށް ވަރުގަދަ ބައެއް. ޕާޓީ ތެރޭގައި“ ޑީއާރުޕީ މީހަކު ބުންޏެވެ.

އައްޑޫއަކީ އެމްޑީޕީގެ ބާރު ބޮޑު އޮތޮޅެކެވެ. ނަމަވެސް ހަސަން ސައީދަކީ އައްޑޫ މީހަކަށް ވެފައި އޭނާގެ އާއިލާއާއި އޭނާއަށް ސަޕޯޓް ކުރާ މީހުންގެ ތެރެއިން ގިނަބަޔަކު ޑީއާރުޕީއާ ގުޅުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެއަތޮޅުގައިވެސް ޑީއާރުޕީ އޮތުމެވެ. އަދި ހަސަން ސައީދުގެ ބޭބެ ހުސައިން ސައީދު އެއަތޮޅު އަތޮޅުވެރިޔާކަމަށް ހަމަޖައްސަވާ އެއަތޮޅު ގެންދެވީ ހަންމަތަ ކުރަމުން ނުވަތަ އޮބަހައްޓަމުންނެވެ. ނަމަވެސް ހަސަން ސައީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާގެ ބޭބެ އެއަތޮޅު އަތޮޅުވެރިޔާ ކަމުން ވަކިކުރެއްވި ވަކިކުރެއްވުމަކީވެސް އައްޑޫ ހިލިއްޖެކަން ނުވަތަ ހިލިދާނެ ކަމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވެއެވެ.

”މިއަތޮޅުގައި ފުއްޕާފައި އުޅުނު މީހުންވެސް މިހާރު ކޮންމެވެސްވަރަކަށް މައިތިރިވެއްޖެ. އެޕާޓީގައި އުޅުނު މީހުންވެސް ވަކިވާން ފަށައިފި. މިހާރު ކުރިއަށް ވުރެވެސް އެމްޑީޕީގެ ބާރު ގަދަވީ“ އައްޑޫ މީހަކު ބުންޏެވެ.

ފުވައްމުލަކަކީވެސް ބޮޑަށް އެމްޑީޕީގެ ތާއީދު އޮތް އަތޮޅެއް ކަމަށް ބެލެވެއެވެ. ނަމަވެސް ޖަސްޓިސް މިނިސްޓަރަކީ ރަށު މީހަކަށް ވާތީ ކޮންމެވެސް ވަރެއްގެ ބަޔަކު ޖަމީލަށްޓަކައިވެސް ތިބީ ޑީއާރުޕީގަ އެވެ. މައުލޫމާތު ލިބޭގޮތުގައި ޖަމީލްގެ އިސްތިއުފާއާއެކު އެރަށްވެސް ކޮށިއަރަން ފަށައިފިކަމަށް ބުނެވެއެވެ. ޑީއާރުޕީގެ ތާއީދު ކުޑަވަމުންދާ ކަމަށް ބުނެވެއެވެ.

މާލެއަށް ބަލަލާއިރުވެސް ކުރިން ޑީއާރުޕީގެ ތެރޭގައި ހުރި ރޫހު އެހާ ވަރުގަދަ ހެނެއް ހިއެއް ނުވެއެވެ.ހަރުގެތަކުގެ ބާރު ބޮޑެއް ނޫނެވެ. ރިޔާސީ ކެންޕޭނު ކުރުމުގައިވެސް ހަރަކާތްތެރިވާގޮތާއި އެކަމަށް މީހުން ނުލިބޭ ވާހަކަ ދެކެވެ އެވެ. މީގެ އިތުރުން ދެންތިބި މީހުން ފަހަށް ޖެހުމުން އެމްޑީޕީގައިހުރެގެން މައުމޫނަށް ހުތުރު ބަހުން ހެއްދެވި ނުހެއްދެވިއަށް ގޮވި މީހުން ސްޓޭޖްތަކަށާއި ޓީވީއަށް އަދި ރަށްރަށަށް ގޮސް މައުމޫނަށް ތައުރީފް ކުރަން ފެށުމުން ރައްޔިތުންނަށް އެކަންކަން ބަލައިގަންނާކަށް ފަސޭހައެއް ނޫނެވެ. ނަތީޖައަކަށް ވެގެން ދަނީ އެރަށްރަށުންވެސް ފައްސާލުމެވެ.

މިހާރު ހިނގަމުންދާ ރިޔާސީ ކެންޕޭނަށް ބަލާއިރުވެސް ރަށްރަށުން ލިބޭ ތަރުހީބު ދަނީ ކުޑަވަމުންނެވެ. ނޫންނަމަ ކުރިން އޮތްވަރަށްވެސް ނެތެވެ. ރަށްރަށުން ޑީއާރުޕީ ލަދުގަންނަން ޖެހުމާއި ރަށްރަށުގެ ބައެއް ރައްޔިތުން ނިކުމެ ފަހާލާތަން ފެންނާން ފަށައިފިއެވެ. ދާދިފަހުން ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން މައުމޫނަށްވެސް ވަނީ އެފަދަ ކަމަކާ ލ އަތޮޅުން ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ.

ކޮންމެއަކަސް ހަސަނާއި ޖަމީލުގެ އިސްތިއުފާގެ ސަބަބުން ޑީއާރުޕީ ތެރެ ނިކަމެތިވެ ކޯޅުން އިތުރުވެ އިސްނެގުން މަދުވެއްޖެ ކަމަށް ގިނަބަޔަކު ބުނެ އެވެ.

No comments: